މަހުޖަނު އީލޮން މަސްކްގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ޓެސްލާއިން ކުރިއަށް އޮތް ތަނުގައި އަމިއްލަ ސްމާޓްފޯނެއް ބާޒާރަށް ނެރެން ނިންމައި އެމަސައްކަތުގެ ފައިނަލް މަރުހަލާއާއި ހަމައަށް އާދެވިއްޖެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ސްމާތްފޯނުގެ ވިޔަފާރީގެ ތެރެއަށް ޓެސްލާއިން ވަންނަން މަސައްކަތް ކުރިކަމުގައިވިޔަސް، އެކުންފުނިން މައިގަނޑު ގޮތެއްގައި އިސްކަން ދީފައިވަނީ އިލެކްޓްރިކް ކާރާއި ހަކަތަ ރައްކާކުރާ ސިސްޓަމްތައް އުފެއްދުމަށެވެ.

ޓެސްލާގެ މި ސްމާޓްފޯނުގައި ޒަމާނީ ޓެކްނޮލޮޖީ ހުންނާނެ ކަމަށާއި އެ ކުންފުނީގެ އިލެކްޓްރިކް ވެހިކަލްތަކާއި ސޯލާ ޕެނަލް ފަދަ އެ ކުންފުނީގެ އެހެނިހެން އުފެއްދުންތަކާ މެދުކެނޑުމެއްނެތި އިންޓަގްރޭޓް ކުރެވޭ ގޮތަށް މި ފޯނު ފަރުމާކޮށްފައިވާ ކަމަށް އެ ކުންފުނީގެ މިފަދަ މައުލޫމާތުތައް ހިއްސާކުރާ ފަރާތްތަކުން ބުނެއެވެ. ޓެސްލާއިން އެނާޖީ އެފިޝިއަންސީއަށް ދޭ އަހަންމިއްޔަތާ އެއްގޮތަށް މި ފޯނުގައި ބެޓެރީ ލައިފް އަދި ފާސްޓް ޗާޖިން ކެޕޭސިޓީ ވެސް ހުންނާނެ ކަމަށް ބެލެވެއެވެ.

ސްމާޓްފޯން މާކެޓަކީ މިހާރުވެސް ނުހަނު ވާދަވެރި މާކެޓަކަށްވާއިރު، އެޕަލްއާއި ސެމްސަންގް ފަދަ ބޮޑެތި ކުންފުނިތައް މި އިންޑަސްޓްރީގައި ވަނީ ހީނުކުރާހާ ކުރިއަށް ގޮސްފައެވެ. ނަމަވެސް އިނޮވޭޝަނަށް ޓެސްލާގެ މަޝްހޫރުކަމާއި އެ ކުންފުނީގެ ވަރުގަދަ ބްރޭންޑުގެ ސަބަބުން ބާޒާރުގައި ކުރިއެރުމެއް ލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާސާވެރިން ދެކެއެވެ.

މި ސްމާޓްފޯން ލޯންޗްކުރާނެ ތާރީޚާއި އޭގެ ތަފުސީލު އަދި ހާމަކޮށްފައިނުވި ނަމަވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މި ފޯނު ގަންނަން ލިބޭނެ ކަމަށް ބެލެވެއެވެ. ޓެސްލާއިން މި އާ އުފެއްދުން ނެރޭނެ ދުވަހަކަށް ގިނަ ކަސްޓަމަރުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން އިންތިޒާރު ކުރަމުން އަންނައިރު، މި އުފެއްދުން ބާޒާރުގައި ޕާފޯމް ކުރާނީ ކިހިނެއްތޯ ބެލުމަށް ގިނަބައެއްގެ ޝައުގުވެރިކަން އެބަހުއްޓެވެ.

ސްމާޓްފޯން މާކެޓަށް ނިކުތުމަކީ ޓެސްލާއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވޭއިރު، އެ ކުންފުނިން އަންނަނީ އެ ކުންފުނީގެ ހުށަހެޅުންތައް ފުޅާކޮށް ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާއިން ލީޑަރެއްގެ ހައިސިއްޔަތުން އަމިއްލަ އަށް ޖާގަ ހޯދަމުންނެވެ.

ޓެސްލާ، އިންކް އަކީ ކެލިފޯނިއާގެ ޕަލޯ އަލްޓޯގައި ހުންނަ އިލެކްޓްރިކް ވެހިކަލްތަކާއި ހަކަތަ ރައްކާކުރުމާއި ސޯލާ ޕެނަލް އުފެއްދުމުގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ އެމެރިކާގެ މަލްޓިނޭޝަނަލް ކޯޕަރޭޝަނެކެވެ. 2003ވަނަ އަހަރު އުފެދުނު އެ ކުންފުނިން އިލެކްޓްރިކް ކާރު، ލިތިއަމް-އަޔަން ބެޓެރީ އެނާޖީ ސްޓޯރޭޖް އަދި ރެސިޑެންޝަލް ފޮޓޯވޯލްޓައިކް ޕެނަލް (ޓެސްލާ އެނާޖީގެ ނަމުން ނަން ދީފައިވާ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް) ސްޕެޝަލައިޒް ކުރެއެވެ. ޓެސްލާ އިން ވިއްކާ އިތުރު އުފެއްދުންތަކުގެ ތެރޭގައި ޓެސްލާ ޕަވާވޯލް އަދި ޕަވާޕެކް ބެޓެރީއާއި ސޯލާ ޕެނަލް އަދި ސޯލާ ރޫފް ޓައިލްސް ހިމެނެ އެވެ.

އިލެކްޓްރިކް ސްޕޯޓްސް ކާރު އުފެއްދުމުގެ މަގުސަދުގައި އެންމެ ފުރަތަމަ އުފެއްދި އެ ކުންފުނިން ފަހުން ވަނީ އިލެކްޓްރިކް ސެޑާން އާއި އެސްޔޫވީ ވެސް އުފައްދަން ފަށާފައެވެ. 2008ވަނަ އަހަރު ޓެސްލާއިން އުފެއްދި ފުރަތަމަ ވެހިކަލް ރޯޑްސްޓާ ބާޒާރަށް ނެރެފައިވާއިރު، އޭގެ ފަހުން މޮޑެލް އެސް، މޮޑެލް އެކްސް އަދި މޮޑެލް 3 ވެސް ވަނީ ނެރެފައެވެ. އަދި މީގެ އިތުރުން 2020 ވަނަ އަހަރު ޓެސްލާގެ މޮޑެލް ވައި އާއި ސައިބާޓްރަކް ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ލައިންއަށް އިތުރުކޮށްފައެވެ. ސެލްފް ޑްރައިވިން ކާރު އުފެއްދުމުގެ މަގުސަދުގައި އެ ކުންފުންޏަކީ އެޑްވާންސް އޮޓޮނޮމަސް ޑްރައިވިން ޓެކްނޮލޮޖީއަށް ވެސް މަޝްހޫރު ކުންފުންޏެކެވެ.