ރައްޔިތުންނަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ ވިއްކަމުން އަންނަ އެސްޓީއޯގެ މިއަހަރުގެ ރަމަޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މިފަހަރުގެ ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރެވެ.

އެސްޓީއޯގެ ފިހާރަތަކުން ކުރާ ވިޔަފާރިތަކަށް އަގުހުރި އިނާމްތައް ލިބޭގޮތަށް ކުރިއަށްގެންދާ މިފަހަރުގެ ރަމަޟާން ބާޒާރު މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އަތޮޅުގެ ރަށްތަކުގައިވާ އެސްޓީއޯގެ ފިހާރަތަކުގައި އޭޕްރިލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމް އާއި ނިޕޯން ޝޯރޫމުގައި ރަމަޟާން ބާޒާރު ކުރިއަށްދާނީ އަންނަ ފެބުރުއަރީމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 29 އޭޕްރިލްގެ ނިޔަލަށެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު 2023

އެސްޓީއޯ ރަމަޟާން ބާޒާރާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރު ޢަބްދުﷲ ސައީދު ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ ރަމަޟާން ބާޒާރުގައި ވެސް ކުރާ ވިޔަފާރިތަކަށް ޑިސްކައުންޓުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ރަމަޟާން ބާޒާރު ޕްރޮމޯޝަނުގެ ތެރެއިން އެސްޓީއޯގެ ފިހާރަތަކުން ގަންނަ މުދަލަށް ޚާއްސަ ޑިސްކައުންޓުތަކެއް ލިބިގެންދާނެ. ދެން ފާހަގަކޮށްލަން މިފަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯއިން ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަން،" ސައީދު ވިދާޅުވިއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރާ ގުޅޭގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސްގެ ސޭލްސް މެނޭޖަރު ޢަބްދުﷲ ސައީދު މީޑިއާތަކަށް މައުލޫމާތުދެއްވަނީ-- ފޮޓޯ/ނާއިލް ހުސައިން

މިފަހަރުގެ ރަމަޟާން ބާޒާރުގައި ލަކީޑްރޯގައި ބައިވެރިވެވޭނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށެވެ. ސައީދު ވިދާޅުވީ، މިފަހަރުގެ ޕްރޮމޯޝަނުގައި ހުރިހާ އައުޓްލެޓްތަކުން ނަސީބުވެރި އެއް ފަރާތް ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ.

މިފަހަރުގެ ރަމަޟާން ބާޒާރުން ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް އެސްޓީއޯއިން ކަނޑައަޅާފައިވާ އިނާމަކީ ދެ މީހަކަށް އުމުރާ ދަތުރެކެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކުރިއަށްގެންދާ ރަމަޟާން ބާޒާރަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށް އެސްޓީއޯއިން ބުނެއެވެ.