ކެމެރޮން މިޔަންމާގެ ކުރީގެޢަސްކަރީ ވެރިޔާ އަދި މިހާރުގެ ރައީސް ތެއިސެން އާ ޔަންގޫން ގައި ބައްދަލުކުރައްވަނީ
ޔަންގުން (މާޗް 14) : އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން މިޔަންމާއަށް ވަޑައިގެންފިއެވެ. މިއީ 1962 ވަނަ އަހަރަށްފަހު އިނގިރޭސި ބޮޑުވަޒީރަކު މިޔަންމާއަށް ކުރައްވި ފުރަތަމަ ދަތުރުފުޅެވެ.

އިނގިރޭސިވިލާތަކީ މިޔަންމާ އެކަހެރިކުރުމަށާއި އެޤައުމާ ދެކޮޅަށް އެކިބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އެމެރިކާއާ ގުޅިގެން އެންމެބޮޑަށް މަސައްކަތްކުރި ހުޅަނގުގެ އެއްޤައުމެވެ. ކެމެރޮންވަނީ އިއްޔެ މިޔަންމާއަށް ވަޑައިގެން އެޤައުމުގެ ރައީސް ތެއިސެން އާ އަދި އިދިކޮޅު ޒަޢީމާ އަންގސަން ސޫޗީ އާ ވަކިވަކިން ބައްދަލުކުރެއްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި ކެމެރޮންވަނީ މިޔަންމާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވައި އިނގިރޭސިވިލާތުން އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ވަގުތީގޮތުން އުވާލިކަން އިޢްލާން ކުރައްވާފައެވެ. ތާރީޚި ދަތުރުފުޅެއްގައި ކެމެރޮން ޔަންގޫންއަށް ވަޑައިގެންނެވީ އެޤައުމުގެ ކުރީގެ ޢަސްކަރީވެރިން ގެންނެވި ދިމުޤްރާތީ އިސްލާޙްތަކާއެކު ޤައުމަށް ޑިމޮކްރެޓިކް ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގައެވެ.

މިއިސްލާޙް ތަކާގުޅިގެން މިޔަންމާގައިވަނީ ޢަސްކަރީ ވެރިކަމެއްގެ ބަދަލުގައި މަދަނީ ވެރިކަމެއް ޤާއިމްކޮށް އިންތިޚާބު ކުރެވިފައިވާ ސަރުކާރަކާއި ޕާލަމެންޓެއް ޤާއިމް ކޮށްފައެވެ. މީގެއިތުރުން ދިމުޤްރާތީ މުއައްސަސާތައްވެސް މިޔަންމާގައި ދަނީ ޤާއިމް ކުރެވެމުންނެވެ. އިދިކޮޅު ޒަޢީމާ އަންގސަންގ ސޫޗީ ވެސް ވަނީ ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިގެން ސިޔާސީ މައިދާނަށް ވަދެވަޑައިގެންފައެވެ.

ދާދިފަހުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވެސް މިޔަންމާއަށް ވަޑައިގެން އެޤައުމުގެ ރައީސް ތެއިސެން އާ އަދި އިދިކޮޅު ޒަޢީމާ އަންގސަން ސޫޗީ އާ ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ. އެއަށްފަހު މިޔަންމާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލާފައިވެއެވެ. -- ބީބީސީ