01 Aug 2010, 10:16
14:30
ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކިލަނބުވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމަޔަކަށް އެޅުވުމަށް އދ.ގެ ފަރާތުން ޚާއްސަ ޤާނޫނީ މާހިރަކު ރާއްޖެ ފޮނުވަން ހަމަޖައްސައިފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ
ކޮރަޕްޝަނާއި، ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކިލަނބުވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމަޔަކަށް އެޅުވުމަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ރާއްޖެއަށް ވެދޭނެ ކަމަށާއި، އެގޮތުން އދ.ގެ ފަރާތުން ޚާއްސަ ޤާނޫނީ މާހިރަކު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެންނަވާނޭ ކަމަށް ރާއްޖޭގައި ހުންނަ އދ ގެ މިޝަނުން ބުނެފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން ބުނީ އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅައިފައިވާ މިޝަންގެ ބޭފުޅުން ޔޫއެން ބިލްޑިންގައި އިއްޔެ އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ދިމާވެފައިމިވާ ސިޔާސީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ވެދެއްވާނޭ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ގުޅުން ރަނގަޅުކޮށް، އިތުބާރު އުފެއްދުމަށް އެހީތެރިވެދެއްވާނޭ ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެ އެވެ.
އިއްޔެގެ އެ ބައްދަލުވުމުގައި އދ.ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންގެ ޑިރެކްޓަރ ޓެމްރަޓް ސަމުއެލް އާއި އެ މިޝަންގެ ޓީމް ލީޑަރ ހިޓޮކީ ޑެން އެވެ. އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، އަމީން އާންމު ޙަސަން ޝާހްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ ކަމަށް އެ ޕާޓީން ބުނެ އެވެ.