ދެހާސްދެ ވަނަ އަހަރު ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަމަލުކުރެއްވި ގޮތާ މެދު ސުވާލު އުފައްދާ، ބީބީސީއިން އުފެއްދި ޑޮކިއުމެންޓްރީއެއް އިންޑިއާގައި ދެއްކުން ހުއްޓުވައިފިއެވެ.

އިންޑިއާގެ ސަރުކާރުގެ އެޑްވައިޒަރު ކަންޗަން ގުޕްތާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޑޮކިއުމެންޓްރީގެ ވީޑިއޯކޮޅުތައް ސޯޝަލް މީޑިއާގައި ފެތުރުމަކީ ވެސް މަނާކަމެއް ކަމަށެވެ. އެގޮތުން އެކަން މަނާކުރަނީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގަވާއިދުގެ ދަށުން، ސަރުކާރަށް ލިބިފައިވާ ކުއްލި ބާރުތައް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޕްތާ ވިދާޅުވީ ބީބީސީން މި ޑޮކިއުމެންޓްރީ އިންޑިއާގައި އަދި ނުދެއްކި ނަމަވެސް، އޭގެ ވީޑިއޯ ޔޫޓިއުބްގެ ބައެއް ޗެނަލްތަކަށް އަޕްލޯޑްކޮށްފައިވާ ކަމަށެވެ.

ގުޕްތާ ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ އެ ޑޮކިއުމެންޓްރީގެ ވީޑިއޯތަކުގެ 50 އަށް ވުރެ ގިނަ ލިންކް ބްލޮކް ކުރަން ޓްވިޓާއަށް އަމުރުކޮށްފައެވެ. އަދި އެފަަދަ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑް ކުރަން ފުރުސަތު ނުދޭންވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫޓިއުބްއާއި ޓްވިޓާއިން ވެސް އެ އިރުޝާދުތަކަށް ތަބާވެފައިވާ ކަމަށް ގުޕްތާ ވިދާޅުވިއެވެ.

އެ ޑޮކިއުމެންޓްރިއާ ބެހޭ ގޮތުން ހަފުތާގައި އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ އެއީ ސާބިތުނުހިފޭ ވާހަކަތަކެއް ހިމަނައިގެން، މޯދީއާ ދެކޮޅު ޕްރޮޕަގަންޑާ ފަތުރަން އުފައްދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށެވެ.

މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރުގެ ގޮތުގައި 2002 ވަނަ އަހަރު ހުންނެވި އިރު އެ ސްޓޭޓުގައި ހަމަނުޖެހުންތައް ފެށުނީ ގިނަ އަދަދެއްގެ ހިންދޫން ތިބި ރޭލެއްގައި ރޯވެ، 59 މީހުން މަރުވުމުންނެވެ. އެއާއެކު ހިންދޫ ދީނުގެ މީހުންގެ ހަމަލާތައް މުސްލިމުންނަށް އަމާޒުވެ، ދެ ފަރާތުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި 1000އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ސަރުކާރުގެ ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ލަފާކުރާ ގޮތުގައި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު، ސަރުކާރުން ލަފާކުރާ ވަރަށް ވުރެ ދެގުނަ އިތުރުވާނެއެވެ.

އެ ހަމަނުޖެހުންތައް ހުއްޓުވައި، މުސްލިމުންގެ ފުރާނަ ސަލާމަތް ކުރަން މޯދީ އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅުއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް މޯދީ އެ ތުހުމަތުތައް ދޮގުކުރައްވައެވެ.

އެ މައްސަލައިގައި މޯދީ އާއި އެހެން ބައެއްގެ ދައުރު ބަލައި ތަހުގީގު ކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އައްޔަންކުރި ޓީމަކުން 2012 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، އެ މައްސަލައިގައި މޯދީއާ ދެކޮޅަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.

އޭގެ ފަހުން 2013ގައި، ބީޖޭޕީގެ ފަރާތުން ބޮޑުވަޒީރު ކަމަށް މޯދީގެ ނަން ހުށަހެޅިއެވެ. އަދި 2014 އާއި ފަހުން 2019އިގައި އޭނާ ބޮޑުވަޒީރުކަން ކާމިޔާބުކުރެއްވިއެވެ.