22 Jan 2023, 22:40
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެ މުއައްސަސާއިން މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި އެހެނިހެން ގައުމީ އިންތިޚާބުތަކާ ގުޅިގެން، އެކޮމިޝަނުން ކުރާ މައިގަނޑު އެއް މަސައްކަތަކީ އިލެކްޝަން ކަވަރޭޖެ މޮނިޓަރިންގެ މަސައްކަތް ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚް އީސީން މިހާރު އިއުލާންކޮށްފައިވާތީ، އިލެކްޝަން ކަވަރޭޖް މޮނިޓަރިންގެ މަސައްކަތް ފެށުމަށް އެކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބްރޯޑްކޮމްއިން މައުލޫމާތު ދެއެވެ.
އަދި، އިންތިޚާބުގެ ދުވަސްވަރު ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދެ މުއައްސަސާގެ ދައުރާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އެގޮތުން، ދެ މުއައްސަސާގެ އިތުރުން، ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މީޑިއާއާއި ނޫސްވެރިންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، އިންތިޚާބުތަކާ ބެހޭ ގާނޫނުން ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން ދެ މުއައްސަސާ ގުޅިގެން ތަންފީޒްކުރުމަށް ހުރި ކަންތައްތައް ކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭނެ ގޮތްތަކާމެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން، އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އަދި އެހެނިހެން މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބްރޯޑްކޮމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަހީދާގެ އިތުރުން، ނައިބު ރައީސް މުހައްމަދު ފަޒީނާއި، ކޮމިޝަނާ އަމްޖަދު ވަހީދާއި، ކޮމިޝަނާ އައިމިނަތު އަމީނާ އާއި، ކޮމިޝަނާ ޝިފްލާ އިބްރާހީމް އަދި ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިއާ ގެ އިތުރުން ޑިރެކްޓަރު، މޮނިޓަރިން އެންޑް ލައިސަންސިން އިބްރާހީމް އަޝްރަފެވެ.