ސްޓޮކްހޮމް (22 ޑިސެންބަރު 2022): މުސްލިމުންގެ މުގައްދަސް ފޮތް ކަމަށްވާ ކީރިތި ގުއުރާނުގެ ކޮޕީތައް އަންދައި މުސްހަފަށް އިހާނާތް ކުރުމުގެ ފުރުސަތު ސްވިޑެންއިން އެގައުމުގެ ހަރުކަށި މީހަކަށް ދިން މައްސަލާގައި އިސްލާމީ ގައުމުތަކުގެ ނުރުހުމާއި ފާޑުކިޔުން ސްވިޑެންއަށް އަމާޒުވެއްޖެއެވެ.

އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ) އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީ.ސީ.ސީ)އިން ވަނީ ސްވިޑެންގެ މިއަމަލު އިންތިހާއަށް ކުށްވެރިކުރާ ކަމަށާއި މިއީ ނަފުރަތު އުފެއްދުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމުގެ ނާތަހުޒީބު އަމަލެއްކަމަށް ބުނެފައެވެ.

ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެމައްސަލާގައި ތުރުކީއަށް ޖެއްސުންކުރުމުގެ ގޮތުންނެވެ.

ނަފްރަތުގެ މިނުބައި އަމަލު ހިންގަން ރަސްމޮސް ޕަލުޑެންއަށް ފުރުސަތު ލިބުނީ އެކަމަށް ސްވިޑެންގެ ސަރުކާރުން ފުރުސަތު ދީގެންނެވެ. މުސްހަފް އަންދާފައިވަނީ ވެރިރަށް ސްޓޮކްހޮމްގައި ތުރުކީއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މުސްހަފް އަންދާލާފައިވަނީ ސްޓޮކްހޮމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައެވެ.

މިމައްސަލާގައި ތުރުކީވަނީ އެގައުމުގައި ހުންނަވާ ސްވިޑެންގެ ސަފީރު ތުރުކީގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖުގެ ލިޔުމެއް ހަވާލުކޮށްފައެވެ. ތުރުކީގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ސްވިޑެން އަމިއްލައަށް ދައްކާފައިވަނީ އެގައުމަކީ ނާތަހުޒީބު ގައުމެއްކަމަށާ ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް އެގައުމުގެ ސަރުކާރުން ހިތްވަރުދޭކަމެވެ.

މިގޮތަށް މުޑުދާރު އަމަލުތައް ހިންގައިގެން ނޭޓޯއަށް ވަނުމުގެ ރުހުން ތުރުކީގެ ފަރާތުން ނުލިބޭނެ ކަމަށާއި ރުހުން ލިބޭނީ ސްވިޑެންއިން ޓެރަރިޒަމަށް ވާގިވެރިވުން ހުއްޓާލައިގެން ކަމަށް ވެސް ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ސްވިޑެން ނޭޓޯއަށް ވެއްދުމަށް ތުރުކީން ހުރަސް އަޅަނީ ތުރުކީގައި ބޮންގޮއްވުމުގެ އަމަލުތައް ހިންގާ ކުރުދީ ޓެރަރިސްޓް ޖަމާއަތްތަކަށް ސްވިޑެން އިން އެހިތެރިވާތީ ކަމަށް ތުރުކީ ބުނެއެވެ.

މުސްހަފް އަންދައި އިސްލާމް ދީނަށް އިހާނާތް ކުރުމަށް ސްވިޑެންގެ ސަރުކާރުން ފުރުސަތު ދިން މައްސަލާގައި ތުރުކީވަނީ ސްވިޑްންގެ ދިފާއީ ވަޒީރު ޕެލް ޖޯންސަން އަންކަރާއަށް ކުރަން ހަމަޖެހިފައިވާ ރަސްމީ ދަތުރުވެސް ކެންސަލްކޮށްލާފައެވެ.

މުސްހަފް އެންދި މައްސަލާގައި ތުރުކީގެ އިތުރުން އިސްލާމީ އެތައް ގައުމަކުން ވަނީ ސްވިޑެންގެ ސަރުކާރު ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. މިމައްސަލާގައި މުޅި އިސްލާމީ ދުނިޔޭގެ ނުރުހުމާއި ނަފްރަތު ސްވިޑެންއަށް އަމާޒުވުމުން އެގައުމުގެ ޚާރިޖީ ވަޒީރު ޓޮބަޔަސް ބިލްސްޓްރޮމް ވަނީ ސްވިޑްންއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ގައުމެއްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން މުސްހަފް އެންދުމަށް ސްވިޑެންގެ ސަރުކާރުން ތާއީދުނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޚިޔާލުފާޅުކުރުމުގެ ގޮތުން ކުރާ އެއްވެސް ކަމަކަށް ސްވިޑެންއިން ހުރަސްނާޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީ އެމްބަސީ ކުރިމަތީގައި މުސްހަފު އަންދާފައިވަނީ ސްވިޑެންގެ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމާ އެކުގައެވެ. އަދި އެކަން ކުރުމުގެ ފުރުސަތު ސްވިޑެންގެ ސަރުކާރުން ދީގެންނެވެ.