ހެލްތު މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

އެ މަޝްރޫއަކީ 20.2 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެ މަޝްރުއުގެ ދަށުން ކުރި މަސައްކަތްތަކަކީ:

  • ބަލިމީހުން ބަލާ 21 ކޮޓަރި

  • ފަރުވާދޭ ކޮޓަރިއެއް
  • ޕްރޮސީޖާ ކޮޓަރިއެއް
  • ނާސިން ސްޓޭޝަނެއް
  • ވެއިޓިން ލޯންޖެއް (6،189 އަކަފޫޓުގެ)
  • ކިއު ސިސްޓަމް (32 ޑިސްޕްލޭ)
  • ސީސީޓީވީ ކެމެރާ ސިސްޓަމެއް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތް --- ފޮޓޯ/ އެމްޓީސީސީ

އޯޕީޑީ އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހުގައެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ހަމަ އެ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ދިހަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ ސިޓީއަށް ތިލަދުއްމަތީގެ ގިނަ ރަށްތަކެއްގެ މީހުން ޒިޔާރަތް ކުރަނީ ޑޮކްޓަރަށް ދެއްކުމުގެ ބޭނުމުގައެވެ.

އެގޮތުން ހދ. އަތޮޅުގައި ދެން ހިމެނޭ 12 ރަށުގެ އިތުރުން ހއ. އަތޮޅުންނާއި ށ. އަތޮޅުގެ ރަށްރަށުން ވެސް ޑޮކްޓަރަށް ދެއްކުމަށް ޓަކައި އެތައް ބަޔަކު ދެއެވެ.