ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތަކާއި އިދިކޮޅުގައި އޮތް ޕީޕީއެމްގެ ސިޔާސަތުތަކުގައި އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުރިކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރައްވާ ކެމްޕޭނާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރެއްވުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތުތަކަކީ އެމަނިކުފާނަށް ގަބޫލުފުޅުކުރައްވަން ވަރަށް ފަސޭހަ ސިޔާސަތުތަކެއްކަމަށެވެ.

އަދި އެ ކަމުގައި ފުށުއަރާ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޚިޔާލު ތަފާތުވާ ހަމައެެކަނި ކަމަކީ ގައުމިއްޔަތު މާނަކުރުމުގައި ޕީޕީއެމުން ގެންގުޅޭ ހަމަތައްކަމަށް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ޕީޕީއެމްގެ މެނިފެސްޓޯ ކިޔައިފިއްޔާ އަޅުގަނޑަކަށް ހިޔެއްނުވޭ އައިޑިއޮލޮޖިކަލް މާ ބޮޑު ތަފާތެއްވާހެނެއް. ގައުމިއްޔަތު މާނަކުރާ ގޮތްތައް އެއީ އެމްޑީޕީއާއި ޕީޕީއެމާ ތަފާތެއް އަންނަ ތަނެއް. ދިވެހިރާއްޖޭގެ ގައުމިއްޔަތަކީ ކޮބައިތޯ، ގައުމީ ރޫހަކީ ކޮބައިތޯ، މިކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނާ ފުށު އަރާ ކަންތައްތަކެއް ހުރޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް އިގްތިޞާދީ މަސައްކަތްތަކާއި ތަރައްގީގެ މަސައްކަތްތަކުގައި ގިނައީ އެއް ގޮތް ކަންތައްތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ބަލައިގަންނަން ދަތިވަނީ މި ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ ސިޔާސަތުތައްކަމަށެވެ. އެމަނިކުފާނުވަނީ ކޯލިޝަންގައި ތިބި ޕާޓީތަކުން ގެންގުޅެނީ އެމްޑީޕީގެ ފިކުރާ މުޅިން ދުރު ސިޔާސަތުތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫވެގެން ދިޔައީ އިއްތިހާދުގެ ސިޔާސަތުތައް. މިހާރު އަޅުގަނޑުމެން އެމްޑީޕީގެ ސިޔާސަތުތައް އޮތް ގޮތަށް އޮއްވައި، އެމްޑީޕީގެ މެނިފެސްޓޯ ނޫކުލައިގައި ހުންނާނެ އެއްކަލަ ކުރީގެ 50 ރުފިޔާ ނޫޓެއްގެ ޑިޒައިންގައި އަޅުގަނޑުމެންގެ 2018ވަނަ އަހަރުގެ މެނިފެސްޓޯ އޮތީ. އެއާ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވީ ކަންކަމާއި ދެ ބަސްވީ ކަންކަމާއި ޕީޕީއެމްގެ މެނިފެސްޓޯ އެހެން އަޅައި ބެލީމާ އަޅުގަނޑަށް ފެންނަނީ އެހާ އުނދަގޫކޮށެއް ނޫން. އަޅުގަނޑަށް މާ އުނދަގޫ އިއްތިހާދުގެ މެނިފެސްޓޯ،" އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސިޔާސަތުތައް ބަލައިގަންނަން ފަސޭހަކަމަށް ފާހަގަކުރެއްވި ނަަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި "އަން ޑިމަކްރަޓިކް" ކަންކަމަކީ ހިނގައިގެން ނުވާނެ ކަންތައްތަކެއްކަމަށް ވިދާޅުވެފައެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިހުރި އަން ޑިމަކްރަޓިކް ކަންކަން އެއީ ވަރަށް ދެރަ ކަމެއް. ވަރަށް ގޯސްކަމެއް. އަޅުގަނޑު ނުދަންނަވަން ހުރިހާ ކަމަކަށް އެއްގޮތް ކަމަކަށް. ދެން އަޅުގަނޑު އުންމީދުކުރަން އެއީ އެއްވެސް ބޭފުޅަކު މިހާރު ދާން ބޭނުންވާނެ ދިމާއެއް ނޫންކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ވެސް ވަނީ ރިޔާސީ އިންތިޚާބެއްގައި ކޯލިޝަނެއް ހެދުމުގެ ވިސްނުމަކީ މުޅިން ގޯސް ވިސްނުމެއްކަމަށް ތަކުރާރުކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގައި އޮތް މައިގަނޑު ދެ ފިކުރަކީ އެމްޑީޕީއާއި ޕީޕީއެމްކަމަށްވާއިރު އެމްޑީޕީގައި ވެސް ގިނަ އަދަދެއްގެ މެމްބަރުން ތިބިކަމަށް ވިދާޅުވިއެެވެ. އެ ތާއީދު އޮތީ، އެމްޑީޕީގެ ސިޔާސަތުތައް ބަލައިގަންނާތީކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން ފުރަތަމަ ކަމަކަށް ބައްލަވާ ގާނޫނު އަސާސީ އެ ވަރަށް ގަޑުބަޑު ކުރައްވަން ވާނެތޯ. މި ގާނޫނު އަސާސީގެ ކޮން ތަނެއްގައިތޯ އޮތީ އިއްތިހާދެއްގެ ވާހަކަ؛ ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަދު ޕަސަންޓެއްގެ ރައްޔިތުންގެ ވޯޓަށް، ކޯލިޝަނެއް ހަދައި، މައި ޕާޓީން އެކުލަވާލާ ސަރުކާރެއްގެ ބޮޑު ބައި ކޯލިޝަނަށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.