އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި ގިނަ އަދަދެއްގެ މިނިވަން މުއައްސަސާތައް އުފެދިގެން ދިޔަ އެވެ.

އޭރު އެންމެންގެ ވެސް އުއްމީދަކީ އެ މުއައްސަސާތަކުން އެކިއެކި ނުފޫޒުތަކުން ސަލާމަތްވެ ތިބެ، މިނިވަންކަމާއެކު ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކުރާނެ ކަމުގެ އުއްމީދެވެ. އެ މުއައްސަސާތަކުގެ މެމްބަރުންނަށް ބޮޑެތި މުސާރަތަކެއްދީފައި ވަނީ ވެސް އެ ބޭނުމުގަ އެވެ.

އޭގެ ފަހުން މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުތަކުގެ ދަށުވެފައިވާ ކަމަށް އެއް ބަޔަކު ތުހުމަތު ކުރާއިރު އަނެއް ބަޔަކު ބުނަނީ އެ ތަންތަނުން ރަނގަޅަށް މަސައްކަތް ނުކޮށް އަތް އުރާލައިގެން ތިބޭ ކަމަށެވެ.

މިނިވަން މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކެއްގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކެކެވެ. އަދި އެ މުއައްސަސާތަކަށް މެމްބަރުން ހޮއްވަވަނީ ވެސް އެ މަޖިލީހުންނެވެ. އެގޮތުން އެ މުއައްސަސާތަކުގެ ބެލެނިވެރިއަކީ ވެސް ހަމަ އެ މަޖިލީހެވެ. މުއައްސަސާތަކުގެ ބެލެނިވެރިއެއްގެ ގޮތުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވިދާޅުވަނީ ގިނަ މުއައްސަސާތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ.

"މިނިވަން މުއައްސަސާތަކުގެ ތެރޭގައި އެބަހުރި ރަނގަޅަށް މަސައްކަތް ކުރާ މުއައްސަސާތައް ވެސް، ނަމަވެސް އެ މުއައްސަސާތަކަށް ލިބިދޭ ގާނޫނީ ބޭރުގެ ބޭނުން ރަނގަޅަށް ނުކޮށް މަޑުޖެހިލާފައި ބައެއް މުއައްސަސާތައް މިއޮތީ،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވި އެވެ.

ރަނގަޅަށް މަސައްކަތް ނުކުރެވި ފަސްޖެހިފައިވާ ކަމަށް ނިހާނު ފާހަގަ ކުރެއްވި މުއައްސަސާއަކީ އިލެކްޝަން ކޮމިޝަނެވެ. ނިހާނު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކަންތައްތައް ބެލެހެއްޓުމަކީ އެ ކޮމިޝަންގެ މަސައްކަތެއް ކަމަށް ވާއިރު ޕާޓީތަކުގެ މެދުގައި ހިނގާ މައްސަލަތައް ހައްލުކުރުމުގައި އެ ކޮމިޝަންގެ ދައުރު އެންމެ ރަނގަޅަށް އަދާ ނުކުރާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ރަނގަޅަށް ހަރަކާތްތެރި ނުވާ ޕާޓީތަކާ މެދުގައި ފިޔަވަޅެއް އެޅިފައި ނުވުމަކީ ވެސް އިލެކްޝަން ކޮމިޝަންގެ ފަސްޖެހުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"އާއްމު އުސޫލުން ހަރަކާތްތެރި ނުވާ ސީޔާސީ ޕާޓީ ތަކުގެ ދައުރު އަދިވެސް ސާފު ނުކުރެވޭ، އެ ޕާޓީތަކަށް ލާރި ދޭނީތޯ ނުދޭނީތޯ، ބަޖެޓް ގައި އެބަ ޖެހޭ، ގާނޫނީ ގޮތުން ހުސްކަމެއް ހުރި ނަމަ އިލެކްޝަން ކޮމިޝަނުން ދާން ވާނެ ކޯޓަށް" މެންބަރަކު ވިދާޅުވި އެވެ.

އުފެދުނު ފަހުން މިހާތަނަށް އެންމެ ރަނގަޅަށް ހިނގި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މުއައްސަސާއަކީ އެންޓިކޮރަޕްޝަން ކޮމިޝަންއެވެ. އެކޮމިޝަނަށް ކިތަންމެ ކުޑަ މައްސަލައެއް މީހަކު ހުށައެޅިޔަސް ވަރަށް އަވަހަށް ބަލަން ފަށާތީ އެވެ. އަދި ގިނަ މައްސަލަތަކެއް ބަލާ ނިންމާފައިވާތީ ވެސް މެއެވެ.

މިނިވަން މުއައްސަސާތަކަށް ރަނގަޅަށް މަސައްކަތް ނުކުރެވުނު ސަބަބުތަކެއްގެ ގޮތުގައި މީހުން ފާހަގަކުރަނީ ކުރީގެ ސަރުކާރުން އެތަންތަނަށް ނުފޫޒު ފޯރުވުމާއި މުއައްސަސާތަކު މެދުގައި ރަނގަޅަށް އެއްބާރުލުމާ އެހީތެރިކަން ނެތުމެވެ.

މިނިވަން މުއައްސަސާތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބުރާހިމް މުއްތޮލިބު ވިދާޅުވަނީ އަދި މުޅިން ތަފާތު ވާހަކަފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާ ގިނަ މިނިވަން މުއައްސަސާތައް ބޭނުން ނުވެ އެވެ. އަދި މުއައްސަސާތައް ރަނގަޅަށް ނުވެސް ހިނގާ ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ރަނގަޅަށް ހިނގާނެކަމަށް އޭނާ ގަބޫލުފުޅެއް ނުކުރައްވަ އެވެ.

"އާބާދީ މަދުވުމާ މުއައްސަސާތައް ގިނަވުމާ، އަދި އެތަންތާނގައި ތިބެނީ އާއިލީ ގޮތުން ގުޅުން ހުރި މީހުން ކަމަށް ވާތީ، ރާއްޖޭގައި މިނިވަން މުއައްސަސާތައް ރަނގަޅަށް ނުހިނގާ، އަދި މުސްތަގުބަލުގައި ވެސް ރަނގަޅަށް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މުއްތޮލިބު ވިދާޅުވިއެވެ.

"ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާ، އިލެކްޝަން ކޮމިޝަނާ، ހިއުމަންރައިޓް ކޮމިޝަން ފިޔަވާ ރާއްޖެއަށް އެއްވެސް މިނިވަން މުއައްސަސާއެއް ބޭނުންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތައް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރި ނަމަވެސް އެ މުއައްސަސާތަކަށް ހުރި ދަތިކަމާ އެކުގައިވެސް ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ގަބޫލުކުރާ ފަރާތްތައް ވެސް އެބަތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް "ސާބަސް ދޭހާ" ރަނގަޅު ކަމަށެވެ.

"އަޅުގަނޑަށް ރަނގަޅު އިނގޭތޯ މިނިވަން މުއައްސަސާތައް މަސައްކަތް ކުރައްވާގޮތް، އާ ގޫނު އަސާސީގެ މަފްހޫމުތަކުގެ ތެރެއިން މިނިވަން މުއައްސަސާގެ ކޮންސެޕްޓް މި ލިބުނީ، މި އާގާނޫނު އަސާސީއަށް ނަގުލު ވުމުގައި ދަތިތަކެއް ހުރި، އިގުތިސާދީ ގޮތުން ވެސް އެބަހުރި ދަތިތަކެއް، ދެން މިހުރިހާ ކަންތައްތަކާ އެކު މިނިވަން މުއައްސަސާތަކަށް ވެސް ގާނޫނީ ރައްކާތެރިކަމާ އިގުތިސާދީ ރައްކާތެރިކަން ލިބުމުގައި ދަތިތަކެއް އެބަހުރި، މިހުރިހާ ދަތިތަކާ އެކުގައި މިނިވަން މުއައްސަސާތައް މަސައްކަތް ކުރެއްވި ގޮތް ހަމަ ސާބަސް ދޭންޖެހޭހާ ރަނގަޅޭ އަޅުގަނޑު ދަންނަވާނީ،" ކާނަލް ވިދާޅުވި އެވެ.