22 Jan 2023, 11:40
ގދ. ތިނަދޫ: ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެެއްޖެއެވެ.
މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހެނދުނު ތިނަދޫއަށް ވަޑައިގެން އެރަށު އެމްޑީޕީ މެންބަރުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވަނީ އެރަށަށް ގިނަ ވައުދުތަކެއް ވެލައްވައިފައެވެ. އެގޮތުން، އެރަށް ސިޓީއަކަށް ބަދަލުކޮށް، ސިޓީއެއްގައި ފުރިހަމަވާންޖެހޭ ހުރިހާ ޚިދުމަތްތަކެއް ފުރިހަމަވެގެންދާނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ހެނދުނު ރައީސް ތިނަދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔައިފައެވެ. އެތައް ސަތޭކަ ރައްޔިތުން ނުކުމެ، ވަނީ އެމަނިކުފާނަށް މި އިންތިޚާބު ކާމިޔާބު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
ރައީސް ތިނަދޫއަށް ވެވަޑައިގެން ވައުދުތައް:
ސިޓީއަކަށް ބަދަލުކުރުން.
- ގޯތި ދޫކުރުން
- ކޮމާޝަލް ޕޯޓެއް ތަރައްގީކުރުން
- ބަނދަރުގެ ދަތިކަން ހައްލުކޮށްދިނުން
- ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުން
- ތިނަދޫ ކައިރި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުން
- ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން
- 200 ހައުސިން ޔުނިޓް
- ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުން
- ސުކޫލަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުން
- ފެންހިންދާ ނިޒާމު
- އާ އިންޖީނުގެ
އެމަނިކުފާނު ވިދާޅުވީ ތިނަދޫ ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ އެމަނިކުފާނާއެކު ކުރިއަށް ގޮސްގެން ކަމަށެވެ. އެހެންވެ، މިމަހު 28ގައި އޮންނަ އެޕާޓީގެ ޕްރައިމަރީގައި މި މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް ވޯޓުދެއްވުމަށް އެމަނިކުފާނު އެދިލެއްވިއެވެ.

"ވޯޓުލައްވާއިރު، މި މަސައްކަތްތަކާއެކު އަޅުގަނޑުމެން ކުރިއަށްދާނީތޯ، ނޫނީ ދާގޮތަށް ގޮސް މަގުމަތިވެ، މަޑުޖެހިފައި ތިބޭނީތޯ، ވަރަށް ސާފު. ދާނީ ކުރިއަށް." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީ ގެންނަން ޖެހޭނީ ކުޑަ ރަށާއި ބޮޑު ރަށް ތަފާތު ކޮށްގެން ނޫން ކަމަށާއި ކުޑަ ރަށްރަށުގެ ރައްޔިތުންނަށް ވެސް ބޮޑެތި ރަށްރަށުގެ ރައްޔިތުންނަށް ވެސް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި، މި އިންތިޚާބު ނިންމުމަށް ފަހުގައި ލަސްތަކެއް ނުވެ، މިރަށް ސިޓީއަކަށް ބަދަލުކުރުމުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް މިރަށަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިންތިޚާބަށް ފަހު ލަސްތަކެއް ނުވެ، މިރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑު އަންނާނަން." ރައީސް ވިދާޅުވިއެވެ.
މި ތަރައްގީގެ މަގުގައި ކުރިއަށް ދެވޭނީ ވެރިކަމުގައި ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަފުޅު މިއަދު ތިނަދޫގައި ވެސް ވަނީ ތަކުރާރުކުރައްވައިފައެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެމްޑީޕީގެ ވެރިކަން ދެމެހެއްޓެން އޮތް ހަަމައެކަނި 'ޗޮއިސް' އަކީ އެމަނިކުފާނެވެ.
"ރަނގަޅަށް ވިސްނެވުމަށް ފަހުގައި ވޯޓު ދެއްވީމާ އޮންނާނީ ރަނގަޅަށް. ކަންކަން ކޮށްދެވޭނީ މަގުމަތީ ތިބެގެނެއް ނޫން، ވެރިކަމުގައި ތިބެގެން." ރައީސް ވިދާޅުވިއެވެ.
ޕްރައިމަރީ ކެމްޕޭނަށް ރައީސް ޞާލިހް ތިނަދޫއަށް ވަޑައިގަތީ މިއަދު ހެނދުނެވެ. އެމްޑީޕީ މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވައިފައެވެ. މި ރަށަށް ފަހު ރައީސް މިއަދު ހަވީރު ކެމްޕޭނަށްް ވަޑައިގަންނަވާނީ ގއ. ވިލިނގިއްޔަށެވެ. މި ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިރޭގެ ވަގުތެއްގައެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.