22 Jan 2023, 12:02
ސޯފިޔާ (22 ޑިސެންބަރު 2022): ރަޝިއާއާއި ޔޫކްރެއިން އާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ދަރުއަޅައި ހަނގުރާމަ އިތުރަށް ވަރުގަދަކުރަން ޔޫރަޕުން ކުރާކަންތައްތައް ބަލައިނުގަނެވޭނެ ކަމަށާއި އެއީ ވަގުތުން ހުއްޓާލަންޖެހޭ ކަމެއްކަމަށް ޔޫރަޕްގެ ގައުމަކުން ފުރަތަމަ ފަހަރަށް ބުނެފިއެވެ.
ޔޫކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ޔޫކްރެއިންއަށް ހަތިޔާރުދީގެން އެހަނގުރާމަ އިތުރަށް ފުޅާކުރަން ޔޫރަޕާއި އެމެރިކާ ކުރާ މަސައްކަތްތަކަށް ގޮންޖައްސަވައި ބަލްގޭރިޔާގެ ރައީސް ރުމެން ރާޑެވް ވިދާޅުވީ ޔޫކްރެއިންއަށް ހަތިޔާރުދިގެން ހަނގުރާމަ ހޫނުކުރަން ޔޫރަޕުން ކުޅެނީ ވަރަށްނުރައްކާތެރި ކުޅިވަރެއްކަމަށާއި އެކަމުގައި މީގެފަހުން ބަލްގޭރިޔާ ބައިވެރިނުވާނެ ކަމަށެވެ.
ރާޑެވް ވިދާޅުވިގޮތުގައި ޔުކްރެއިންއަށް ހަތިޔާރު ދިނުމަކީ ޕެޓްރޯލް އަޅައިގެން އަލިފާންގަނޑެއް ނިއްވަން މަސައްކަތްކުރުންފަދަ ބޭކާރުކަމެކެވެ. މިމޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޔޫކްރެއިންއަށް ހަތިޔާރުފޯރުކޮށްދެނީ ސިޔާސީ ދުނިޔޭގެ ބާރުވެރިކަން ހޯދުމުގެ ބޭނުމުގައި ސްޓްރެޓީޖިކް ގޮތުން ރަޝިއާ ބަލިކުރުމަށް ކަމަށް ޝައްކު ކުރެވޭކަމަށާއި މިއީ ޔޫރަޕަށް މަސްލަހަތު ހުރިކަމެއް ނޫންކަމަށެވެ.
މިއީ ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި ޔޫރަޕްގައި ހިމެނޭ ނޭޓޯގެ މެންބަރު ގައުމެއްގެ ރައީސަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ބަލްގޭރިޔާގެ ރައީސް ރާޑެވް ވިދާޅުވިގޮތުގައި ޔޫކްރެއިން ހަނގުރާމަ މިހާރު މިދަނީ ވަރަށް ނުރައްކާތެރި ދިމާއަކަށެވެ. ރަޝިއާ އޮތީ ކޮންމެ ގޮތެއްވިޔަސް އެގައުމުގެ އަމަނާބެހޭ ކަންކަން ކަށަވަރުވުމުގެ ކުރިން މިހަނގުރާމައިގާ ދޫދޭގޮތަށް ނޫންކަމަށް ބެލޭވޭތީ ޔޫކްރެއިން ހަނގުރާމަ މިހާރުމިދަނީ އިތުރަށް ފުޅާވެ އަދި އޭގެ ނުރައްކާތެރިކަން ބޮޑުވަމުންކަމަށާއި މިކަމުގެ ހަގިގީ ގެއްލުން ލިބޭނީ ޔޫރަޕަށްކަން ރާޑެވް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޔޫކްރެއިން ހަނގުރާމައިގެ ނޭދޭވޭ އަސަރު މިހާރުވެސް ޔޫރަޕްގެ ގައުމުތަކުގެ އިގްތިސަދަށާއި ރައްޔިތުންގެ ދިރިއުޅުމަށްވަނީ ވަރަށް ބޮޑަށްކުރަން ފަށާފައެވެ. އިތުރަށް މިހަނގުރާމަ ހޫނުވެ ފުޅާވެއްޖެނަމަ ޔޫރަޕަށްވެސް އަދި މުޅި ދުނިޔެއަށްވެސް އިގްތިސާދީ ކާރިސާއެއް އަންނާނެކަމަށާއި އެހެންކަމުން ހަނގުރާމަ ހޫނުކުރަންކުރާ އެއްވެސް ކަމެއްގައި ދެން ބަލްގޭރިއާ ބައިވެރިނުވާނެކަމަށް އެގައުމުގެ ރައީސް ވިދާޅުވިއެވެ.
ބަލްގޭރިއާގެ ރައީސަކީ މިހާ ފާޅުކަންބޮޑުގޮތެއްގައި ޔޫކްރެއިން އަށް ހަތިޔާރުފޯރުކޮށްދިނުމާ ދެކޮޅަށް ވާހަކަ ދެއްކެވި ޔޫރަޕްގެ ފުރަތަމަ ލީޑަރެވެ. ނަމަވެސް ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ދާދިފަހުންވަނީ ޔޫކްރެއިންއަށް ހަތިޔާރު ދިނުމުގެ ބަދަލުގައި ރަޝިއާއާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އެގައުމަށް ބާރުއަޅަން މަސައްކަތް ކުރުމަށް ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.
އަނެއްކޮޅުން ޔޫކްރެއިންއަށް ބަރުހަތިޔާރު ފޯރުކޮށްދިނުމަށް އެދި އެމެރިކާއިން ކުރިމަތިކުރާ ފިއްތުންތަކަށް ޔޫރަޕްގެ އެތަށް ގައުމަކުން ފަސްޖެހޭކަން މިދިޔަ ހުކުރުދުވަހު ޖަރުމަނުގައި ބޭއްވި ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުން ވަނީ ހާމަވެފައެވެ. އެބައްދަލުވުމުގައި ޖަރުމަނުގެ އިތުރުން ފަރަންސޭސިވިލާތާއި ސްޕެއިންއާއި ޕޯޗްގަލް އާއި އިޓަލީފަދަ ބޮޑެތި ގައުމުތައްވަނީ އެމެރިކާގެ ފިއްތުންތަކާއެކުވެސް ޔޫކްރެއިންއަށް ޓޭންކް ފޯރުކޮށްދިނުމަށް ފަސްޖެހިފައެވެ.
އެމެރިކާގެ މަސްއޫލުވެރިންގެ ވާހަކަތަކުން އެނގޭގޮތުގައި އެމެރިކާ ބޭނުންވަނީ ސުލްހައަށް މަސައްކަތްކުރުމުގެ ބަދަލުގައި ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދީގެން ސްޓްރެޓީޖިކް ގޮތުން ރަޝިއާ ބަލިކުރުމެވެ. މިކަމަށްޓަކައި ޔޫރަޕް ހަނާވެގެންދިޔަނަމަވެސް އެމެރިކާގެ ފަރުވާލެއްނެތްކަން އެމެރިކާގެ ވާހަކަތަކުން އެނގެއެވެ.
ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ. ނަމަވެސް ރަޝިއާ ބަލިކުރެވިއްޖެނަމަ މިހާރަށްވުރެ ބޮޑަށް ދުނިޔޭގެ ބާރުވެރިކަން އެމެރިކާއަށް ލިބޭނެކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.