22 Jan 2023, 09:36
ދެހާސް ސޯޅަ ވަނަ އަހަރު ނެރުނު ފިލްމު "ލާލް ރަންގް"ގެ ސީކުއަލެއް އުފައްދަން ނިންމައިފިއެވެ.
ކުރިން އުފެއްދި ބްލެކް ކޮމެޑީ ކްރައިމް ޑްރާމާ ފިލްމު މިފަހަރު ގެނެސްދޭން ނިންމާފައިވަނީ މުޅީން ތަފާތުކޮށްކަމަށް ރިޕޯޓުތަކުން ބުނެއެވެ. "ލާލް ރަންގް 2: ޚޫން ޗޫސްވާ"ގެ ނަމުގައި އުފައްދާ ސީކުއަލްއަކީ ކުރީގެ ފިލްމުވެސް ގެނެސްދިން ޑައިރެކްޓަރު ސައިދް އަޙްމަދު އަފްޒަލްގެ ފިލްމެކެވެ.
ރަންދީޕް ހުޑާ ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މި ސީކުއަލް ގެނެސްދެނީ ރަންދީޕްގެ އަމިއްލަ ފިލްމު ކުންފުނީގެ އިތުރުން އިތުރު ދެ ކުންފުންޏަކާ ގުޅިގެންނެވެ.
ފިލްމު "ލާލް ރަންގް 2: ޚޫން ޗޫސްވާ"ގައި ދައްކުވައިދޭނީ އިންޑިއާގެ ހަރިޔާނާގައި ހިންގާ ނުރައްކާތެރި ވިޔަފާރިތަކަކާ ގުޅިގެން އެއްބަޔަކު އަނެއްބަޔަކާއި ދެމެދު އޮންނަ ގުޅުންތައް ހީނަރުވެ މުޖްތަމަޢު ބައިބައިވެގެންދާ ޙާދިސާތަކެވެ. މިސީކުއަލްގައި ރަންދީޕްއާއެކު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޕަންޗާލީ ޗަކްރަވޭތީއަކީ، ދާދިފަހުން ނެޓްފްލިކްސްގައި ޕްރިމިއާކުރި ރަންދީޕްގެ "ކެޓް"ގެވެސް ޕްރޮޑިއުސަރެވެ.
ފިލްމާއި ގުޅޭގޮތުން ރަންދީޕް ބުނެފައިވަނީ ފިލްމު "ލާލް ރަންގް"ގައި ކުޅުނު ރޯލަކީ އަބަދުވެސް އޭނާގެ ހިތުގައި ވަރަށް ޚާއްޞަކަމެއް ދެވިފައިވާ ރޯލެއްކަމަށެވެ. ހަތް އަހަރަށް ފަހުވެސް މި ފިލްމަށް ދެވިފައިވާ ލޯބި ހިތުގައި އެބައޮތް ކަމަށާއި ފިލްމު ޕްރޮޑިއުސްކުރުމަށް ޝައުޤު އުފެދުނީވެސް މި ފިލްމުގެ ޚާއްޞަކަމުން ކަމަށް އޭނާ ބުންޏެވެ.
ޑައިރެކްޓަރު ސައީދު އަޙްމަދު އަފްޒަލް ބުނެފައިވަނީ، އެނބުރި ފިލްމު ސެޓަށް ދިއުމަށް ކެތްމަދުވެފައިވާ ކަމަށެވެ. ފިލްމުގެ ސީކުއަލް ބެލުންތެރިންގެ ހަނދާނުން ފޮހެލަން ދަތިވާހާ އަނދިރި ފަރާތްތައް ފެނިގެންދާނެ ކަމަށް ސައީދު އަޙްމަދު ވަނީ ބުނެފައެވެ. މި ފިލްމުގެ ޝޫޓިންގް ވަރަށް އަވަހަށް ފެށޭނެކަމަށް ފިލްމު ކުންފުނިން ބުނެފައިވާއިރު ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި އިޢުލާން ނުކުރެއެވެ.