22 Jan 2023, 09:29
ދަރްމާ ކުންފުނިން ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފެއްދި ފިލްމު "ކޭސަރީ"ގެ ވާހަކައަށް އާ ފިލްމެއް އުފެއްދުމަށް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ނިންމައިފިއެވެ.
ފިލްމު "ކޭސަރީ"އަކީ، 'ބެޓްލް އޮފް ސަރްގަރީ' ނުވަތަ ސަރްގަރީ ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ސަރަންގީގެ ކުރިމަތިލުންތަކުގައި 21 ސިކުންގެ ސިފައިންނާ 10،000 އަފްޣާނިސްތާނު ސިފައިންނާ ދެމެދު ކުރެވުނު ހަނގުރާމައިގެ ޙާދިސާ ވަނީ މި ފިލްމުގައި ދައްކުވައިދީފައެވެ.
އަކްޝޭ ކުމާރްއާއެކު ބަތަލާ ޕަރިނީތީ ފެނިގެންދިޔަ މި ފިލްމު އެންމެ ފުރަތަމަ އިޢުލާނުކޮށް 20 ދުވަހުގެ ޝޫޓިންގް ވެސް ނިންމާފައިވަނިކޮށް، ދަރްމާ ކުންފުނިން މި ޙާދިސާގެ މައްޗަށް ފިލްމެއް އުފައްދަން ނިންމުމާއެކު ރާޖްކުމާރް ނިންމީ ފިލްމު ކުރިޔަށް ނުގެންދިއުމަށެވެ. ރާޖްކުމާރް ސަންތޯޝީ އޭރު ފިލްމުގެ މަސައްކަތް ފެށީ އެކްޓަރު ރަންދީޕް ހުޑާއެކުއެވެ. އެހެން ފިލްމު ކުންފުންޏަކުން އެއް ޙާދިސާއެއްގެ މައްޗަށް ފިލްމެއް އުފައްދާތީ ރާޖްކުމާރުގެ ފައިނޭންސް ޓީމުވެސް ވަނީ ފަހުން އެ ޕްރޮޖެކްޓުން ވަކިވެފައިކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ދަރްމާ ކުންފުނިން އުފެއްދި ފިލްމު "ކޭސަރީ"ގައި މިޙާދިސާއަށް ފުރިހަމައަށް އިންޞާފުކޮށްފައިވާކަމަށް ޤަބޫލު ނުކުރާ ކަމަށް ޑައިރެކްޓަރު ރާޖްކުމާރު ވަނީ ބުނެފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް މަޢުލޫމާތުދެމުން ރާޖްކުމާރު ސަންތޯޝީ ބުނެފައި ވަނީ، އަންނަ އަހަރު މި ޙާދިސާގެ މައްޗަށް މުޅީން އާ ފިލްމެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. މިފަހަރުގެ ފިލްމުން ރަންދީޕް ހުޑާ ފެންނާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން ޑައިރެކްޓަރު ބުނީ، އެކަން ކަށަވަރު ކުރެވޭނީ ފިލްމުގެ ބަޖެޓް ނިމި އިންވެސްޓަރުންނާއި ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
އެންމެ ފުރަތަމަ ފިލްމަށް ތައްޔާޜުވުމުގެ ގޮތުން ރަންދީޕް ވަނީ ސިކުންގެ މީހެއްގެ ސިފަ ގެނައުމަށް ހަށިގަނޑަށް ބޮޑެތި ބަދަލުތައް ވެސް އޭރު ގެނެސްފައިކަމަށް ރާޖްކުމާރް ސަންތޯޝީ ވަނީ ބުނެފައެވެ. އަދި ރަންދީޕް ހުޑާ ފަދަ މަސައްކަތަށް ކަމޭހިތާ އެކްޓަރެއް ހިމަނައިގެން އުފައްދާ ފިލްމަކީ، ވަރަށް މޮޅު ފިލްމަކަށް ހެދުމަށް ބޭނުންވާކަމަށް ވެސް ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ރާޖްކުމާރް ސަންތޯޝީގެ މަޤުބޫލު ފިލްމުތަކުގެތެރޭގައި، ފިލްމު "ބަރްސާތް"، "ދާމިނީ"، "ޖާނަމް ސަމްޖާ ކަރޯ" އަދި "ދިލްހެ ތުމާރާ"ފަދަ ރީތި ފިލްމުތައް ހިމެނެއެވެ.