22 Jan 2023, 09:17
ބަތަލާ ސޮނާކްޝީ ސިންހާ އާއި ވިޖޭ ވަރްމާ އަދި ގުލްޝަން ދެވައިއާ މުހިއްމު ރޯލްއިން ފެނިގެންދާ ވެބް ސީރީސް "ދަހާދް" މިއަހަރުގެ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ޕްރިމިއާކުރަން ނިންމައިފިއެވެ.
އަށް އެޕިސޯޑަށް ބަހާލެވިފައިވާ މި ވެބް ސީރީސްއަކީ، ކްރައިމް ޑްރާމާއެކެވެ. އެކްސެލް އެންޓަޓެއިންއާއި ޓައިގާ ބޭބީ ގުޅިގެން ގެނެސްދޭ "ދަހާދް" ވެބްސީރީސް ޑައިރެކްޓް ކުރާނީ ރުޗިކާ އޮބްރޯއީއެވެ. ރުޗިކާއަކީ ނެޓްފްލިކްސްއިން 2018 ވަނަ އަހަރު ގެނެސްދިން "ލަސްޓް ސްޓޯރީސް"ގެ ވެސް ޑައިރެކްޓަރެވެ.
މި ވެބް ސީރީސްއިން ސޮނާކްޝީ ސިންހާ ފެނިގެން ދާނީ އަންހެން ފުލުސް އޮފިސަރެއްގެ ރޯލްއިންނެވެ. ގޮތް ނޭނގޭ އަންހެންވެރިންތަކެއް ރަޙުމްކުޑަ މަރުގެ ތަޙުޤީޤު ހިންގުމުގެ އެންމެ އިސް އޮފިސަރުގެ ރޯލް ސޮނާކްޝީ ކުޅޭއިރު އެކްޓަރު ގުލްޝަން ފެނިގެންދާނީ މިކޭސްތައް ޙައްލުކުރުމުގައި ސޮނާކްޝީއަށް އެހީވެދޭ ޓީމް މެމްބަރެއްގެ ގޮތުގައެވެ. މިޝޯވްގެ ބޮޑު ބައި ކުޅެފައިވަނީ އިންޑިއާގެ ރާޖަސްތާނުގެ ހަމަހިމޭން އަވަށެއްގައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޒޯޔާ އަޚްތަރުގެ އިތުރުން ފަރްޚާން އަޚްތަރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މިވެބް ސީރީސްއަކީ ބާލިން ފިލްމު ފެސްޓިވަލުގައި ޕްރިމިއާކުރާ އިންޑިއާގެ ފުރަތަމަ ވެބް ސީރީސްއެވެ. މި ސީރީސް މިއަހަރު ރިލީޒްކުރާނެ ކަމަށް ބުނެފައިވާއިރު ރިލީޒްކުރާނެ ވަކި ތާރީޚެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ސޮނާކްޝީ އެންމެފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޑަބަލް އެކްސްއެލް"އިންނެވެ. މި ފިލްމު މިހާރު ވަނީ ނެޓްފްލިކްސްގައި ޕްރިމިއާކޮށްފައެވެ. ސޮނާކްޝީގެ އަތުގައި ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު މަސައްކަތް އެއްކޮށް ނިންމާފައިވާ ފިލްމު "ކާކުޑާ" އަދި ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައިއޮތް ފިލްމު "ނިކިތާ ރޯއި އެންޑް ދަ ބުކް އޮފް ޑާކްނެސް" ހިމެނެއެވެ.