ޏ. ފުވައްމުލައް: ފުވައްމުލަކު ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކުރިއަށް ގޮސްގެން ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

އެރަށު 'އިބޫ 2023' ކެމްޕޭން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ރަފީގު ވިދާޅުވީ ރައީސް ޞާލިހަކީ އެކުގައި މަސައްކަތް ކުރައްވަން ފަސޭހަ ބޭފުޅެއް ކަމަށާއި ފުވައްމުލައް އެދޭ ތަރައްގީ ގެނެވޭނީ އެމަނިކުފާނާއެކު ކުރިއަށް ގޮސްގެން ކަމަށެވެ.

އޭނާ ވިދާޅުވީ މި ރަށަށް މި ސަރުކާރުން ގެނެސްދެއްވި ތަރައްގީގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދޭން ނުޖެހޭނެ ކަމަށެވެ. އެއީ، އެއަށްވުރެ މާ ފުޅާކޮށް، މާ ފާޅުކަން ބޮޑު ގޮތެއްގައި ގެނެސްދީފައިވާ ތަރައްގީއެއް ކަމަށެވެ.

"ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް ފުވައްމުލަކުގެ ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އޭ ޕްލަސް." ރަފީގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގައި ކޮށްދޭން އެދުނު ހުރިހާ ކަމެއް ފުރިހަމަކޮށްދީފައިވާ ކަމަށެވެ. މި ސަރުކާރު ދަމަހައްޓަން ޖެހެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭނުންވަނީ ފުވައްމުލަކަށް ވެސް ޕްލޭންކޮށްފައި ހުރި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާން." އޭނާ ވިދާޅުވިއެވެ.

ރަފީގު ވިދާޅުވީ އެހެން އެއްވެސް ސަރުކާރަކުން މި ރަށަށް ނުގެންނަ ތަރައްގީ މި ސަރުކާރުގައި ގެނެސްދީފައިވާ ކަމަށެވެ. ރައީސް ޞާލިހާއެކު ކުރިޔަށްދާން ނިންމީ، އެ ޔަގީންކަމާއި އިތުބާރު އޮތުމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ރައީސާއެކު މަސައްކަތް ކުރަން ފަސޭހަކަން. ފުވައްމުލަކުގެ ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެއްވާކަން، އެކަން ހަމައެކަނި އަޑުއައްސަވާފައި ދޫކޮށްނުލައްވާކަން." އޭނާ ވިދާޅުވިއެވެ.

މޭޔަރު ރަފީގު ވިދާޅުވީ ރައީސް އިސްކަން ދެއްވަނީ ހަމައެކަނި މާލޭގެ ތަރައްގީއަށް ނޫން ކަމަށާއި މުޅި ރާއްޖެ ތަރައްގީ ކުރުމަށް ވެސް އެމަނިކުފާނު އިސްކަން ދެއްވާ މިންވަރު ހަމައެކަނި މި ރަށުން ވެސް ސާފުވެގެންދާނެ ކަމަަށެވެ.

ޕްރައިމަރީ ކެމްޕޭނަށް ރައީސް ޞާލިހް ފުވައްމުލަކަށް ވަޑައިގަތީ މިއަދު ހަވީރެވެ. އެމްޑީޕީ މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވައިފައެވެ.

މި ރަށަށް ފަހު ރައީސް މާދަމާ ހެނދުނު ކެމްޕޭނަށްް ވަޑައިގަންނަވާނީ ގއ. ވިލިނގިލި އަދި ގދ. ތިނަދު އަށެވެ. މި ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މާދަމާ ރޭގެ ވަގުތެއްގައެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން ރޭ މާލޭގައި ވެސް ވަނީ ފޯރިގަދަ ޖަލްސާއެއް ބާއްވައިފައެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.