21 Jan 2023, 21:44
ޏ. ފުވައްމުލައް: އެމްޑީޕީ މަގުމަތިނުވެ، ތަރައްގީގެ މަގުގައި ކުރިޔަށް ދެވޭނީ މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓު ދެއްވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި 'އިބޫ 2023' ކެމްޕޭން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަލުން މަގުމަތިވެއްޖެ ނަމަ ތަރައްގީ ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ ވެރިކަން ދެމެހެއްޓިގެން ކަމަށެވެ. އެކަން ކުރެއްވެން އޮތް ހަމައެކަނި މަގަކީ މި ޕްރައިމަރީގައި އެމަނިކުފާނު ހޮއްވެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިޔަށް ދެވޭ ގޮތަށް ވޯޓު ދެއްވުމަކީ އަޅުގަނޑުގެ އެދުމެއް. އެކަން ކުރެވޭނީ އަޅުގަނޑު ކެންޑިޑޭޓު ނަންބަރު ދޭކަށް ވޯޓު ދީގެން." ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މަގުގައި ކުރިޔަށްދާން ކަމަށާއި އެކަން ކުރައްވަން ހުންނެވީ ތައްޔާރަށްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު ހިމެނޭހެން ހުރިހާ އެމްޑީޕީ މެންބަރުންނާއެކު މި ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"އެކަން ކުރެވޭނީ [ތަރައްގީގެ މަގުގައި ކުރިއަށް ދެވޭނީ] ވެރިކަމުގައި ދެމިތިބެގެން، މަގުމަތިވެގެން އެކަމެއް ނުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުވައްމުލައް ހިމެނޭހެން މުޅި ރާއްޖެއަށް ތަރައްގީ ގެނައީ މި ސަރުކާރުން ކަމަށާއި އެހެން އެއްވެސް ސަރުކާރަކުން މިރަށަށް އަޅާލާފައިނުވާ ކަމަށެވެ. މިގޮތުން މި ސަރުކާރުން މި ރަށުގައި ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫއުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައިފައެވެ.
ސިއްހީ ޚިދުމަތް ގާތުން ދިނުމަށްޓަކައި މި ރަށުގެ ހޮސްޕިޓަލް ބޮޑުކޮށް، އެތަނުން އެންމެ ޒަމާނީ ޚިދުމަތް ލިބޭނެ ގޮތް ހަދައިދެވިފައިވާ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
"ތިބޭފުޅުން ތިބޭނުންފުޅުވާ ގޮތަށް މިރަށުގެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް ލިބޭ ގޮތް އަޅުގަނޑުމެން ހަދައިދޭނަން. އެއަށްފަހު ދެން އޮތީ މިރަށުގައި އާ ހޮސްޕިޓަލެއް." އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެން މި ރަށުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބަނދަރުގެ ދަތިކަން ކަމަށާއި އެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށެވެ. މިގޮތުން، ބަނދަރު ބޮޑު ކުރެވެން އޮތް މިންވަރެއް ބެލުމަށް ފަހުގައި އެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މި ރަށުގެ މަސްވެރިން ބާނާ މަސް، މި ރަށުން ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެ މަސައްކަތް ސަރުކާރުން އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕްރައިމަރީ ކެމްޕޭނަށް ރައީސް ޞާލިހް ފުވައްމުލަކަށް ވަޑައިގަތީ މިއަދު ހަވީރެވެ. އެމްޑީޕީ މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވައިފައެވެ.
މި ރަށަށް ފަހު ރައީސް މާދަމާ ހެނދުނު ކެމްޕޭނަށްް ވަޑައިގަންނަވާނީ ގއ. ވިލިނގިލި އަދި ގދ. ތިނަދު އަށެވެ. މި ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މާދަމާ ރޭގެ ވަގުތެއްގައެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން ރޭ މާލޭގައި ވެސް ވަނީ ފޯރިގަދަ ޖަލްސާއެއް ބާއްވައިފައެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.