ފެބުރުއަރީ ހަތެއްގައި ވެރިކަން ވެއްޓުމަށް ފަހު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމާ ގުޅޭގޮތުން މަސްވަރާ ކުރުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގު)، އަންނަ ހޯމަ ދުވަހު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކޮމަންވެލްތް ސެކްރެޓޭރިއަޓުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނަނީ ސީމެގްގެ އަށް ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް މި މަހުގެ 16 ވަނަ ދުވަހު ލަންޑަންގައި އޮންނާނެ ކަމަށެވެ. އަދި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ރާއްޖެއާ ފިޖީގެ ހާލަތާ ބެހޭގޮތުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ކޮމަންވެލްތުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތައްކާ ބެހޭގޮތުން ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ މަސްރަހު ދިރާސާކޮށް ނިމެންދެން ސީމެގް ގެ ބައްދަލުވުންތަކުގައި ރާއްޖެއަށް ބައިވެރި ނުވެވޭ ގޮތަށް ކޮމަންވެލްތުން ވަނީ ނިންމާފަ އެވެ. ވެރިކަން ވެއްޓުމަށްފަހު ކޮމަންވެލްތުން ވަނީ ރާއްޖެއަށް ހާއްސަ ވަފުދެއްވެސް ފޮނުވާފަ އެވެ. އަދި އޭގެ ފަހުން އެ ޖަމްއިއްޔާގެ ސެކްރެޓަރީގެ ހާއްސަ މަންދޫބެއްވެސް ރާއްޖެ ވަޑައިގަތެވެ. މީގެ ކުރިންވެސް ސީމެގުން ރާއްޖޭގެ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާއިރު ކޮމަންވެލްތުން ވަނީ މިއަހަރު ނިމުމުގެ ކުރިން އިންތިހާބެއް ބޭއްވުމަށް ގޮވާލާފަ އެވެ.