ޏ. ފުވައްމުލައް: މިމަހު 28ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، މިއަދު ހަވީރު ޏ. ފުވައްމުލަކަށް ވަޑައިގެންފިއެވެ.

އެތައް ސަތޭކަ ބަޔަކު ނުކުމެ، ފުވައްމުލަކު އެއާޕޯޓުން ވަނީ ރައީސަށް ހޫނު މަރުޚަބާއެއް ކިޔައިފައެވެ. އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށް އެންމެ ކުރީ ސަފުގައި ހުންނެވީ އެ ސިޓީއަށް އުފަން ނައިބު ރައީސް ފައިސަލް ނަސީމެވެ.

ނައިބު ރައީސާއެކު އެތަނަށް އެއްވެ ތިބި އެތައް ސަތޭކަ އެމްޑީޕީ ސަޕޯޓަރުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އޭރު އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ގެންދިޔައީ ރިޝްވަތު ހިފުމާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އަޑުގަދަ ކުރަމުންނެވެ.

ފުވައްމުލަކަށް ވަޑައިގެންނެވުމަށް ފަހުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ރަށް ގިރާ ސަރަހައްދު ބައްލަވާލެއްވުމަށް އިރުއުތުރު ފަރާތަށެވެ. އެ ސަރަހައްދަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

އެއަށް ފަހުގައި މިރޭ އޮންނާނީ ފުވައްމުލަކުގައި އެމަނިކުފާނު ރަސްމީ ކެމްޕޭން ޖަގަހަ ހުޅުވުމެވެ. ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހުގައި މެންބަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެއަށް ފަހު މި ރަށުގެ ކެމްޕޭން ޓީމްތަކާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މި ރަށަށް ފަހު ރައީސް މާދަމާ ހެނދުނު ކެމްޕޭނަށްް ވަޑައިގަންނަވާނީ ގއ. ވިލިނގިލި އަދި ގދ. ތިނަދު އަށެވެ. މި ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މާދަމާ ރޭގެ ވަގުތެއްގައެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން ރޭ މާލޭގައި ވެސް ވަނީ ފޯރިގަދަ ޖަލްސާއެއް ބާއްވައިފައެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.