21 Jan 2023, 14:03
މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ އެސްއެސް ނެޓަށް ދިރާގު ޓީވީގެ ކަސްޓަމަރުން ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލިކަން ހާމަކޮށްފައި ވަނީ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެ ކުންފުނިން މިއަދު ފޮނުވި އެސްއެމްއެސްއަކުންނެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގައި ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލާނެ ކަމަށާއި ދިރާގު ޓީވީގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސް ނެޓްގެ ޚިދުމަތަށް ބަދަލުވެވޭނެކަން ބަޔާންކޮށް ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށް ދިރާގުން މިއަދު ވަނީ އެސްއެމް ކުރަން ފަށާފައެވެ. ދިރާގުގެ މި މެސެޖުގައި އެސްއެސް ނެޓަށް ރަޖިސްޓްރީ ކުރާނެ ލިންކާއި އެހެނިހެން މައުލޫމާތު ހިމެނިފައިވެއެވެ.
އެސްއެސް ނެޓަށް ބަދަލުވުމަށް ދިރާގުންނާއި އެސްއެސް ނެޓުން ފޯރުކޮށްދެމުން އަންނަ މައުލޫމާތާއެއްގޮތަށް އަމަލުކުރުމުން ދިރާގު ޓީވީ ހުއްޓާލާ ދުވަހުން ފެށިގެން އެސްއެސް ނެޓްގެ ޚިދުމަތް ލިބެން ފަށާނެއެވެ.
މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ އެސްއެސް ނެޓްގެ ކޭބަލް ޓީވީ ޚިދުމަތް މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.
އެސްއެސް ނެޓްގެ ޚިދުމަތް ފަށާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސް ނެޓަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން އެސްއެސް ނެޓަށް ބަދަލުވުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ދިރާގު ޓީވީގެ ޖޯއި ބޮކްސް މެދުވެރިކޮށް އެސްއެސް ނެޓްގެ ޚިދުމަތް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ލިބޭނެއެވެ.

އެސްއެސް ނެޓް މެނޭޖް ކުރަމުން އަންނަ ސަން ސިޔާމް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެސްއެސްނެޓްގެ ކޭބަލް ޓީވީ ޚިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހީން އާންމުކޮށް ބަލަމުން އަންނަ ބައިނަލްއަގުވާމީ ޗެނަލްތައް ހިމެނޭނެ ކަމަށެވެ.
އެސްއެސްނެޓްގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްއެސްނެޓްގެ ކޯލް ސެންޓަރު ނަންބަރު 1633 އަށް ގުޅުމުން ލިބޭނެއެވެ.
ދިރާގުޓީވީ އާއި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާނު ކުރުމަށް 24 ޑިސެމްބަރު 2022 ވަނަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް ނިންމައިފައިވާ ކަމަށެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ވުމާއެކު ދިރާގު ދެމިއޮންނާނީ އެ މަސައްކަތުގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.