21 Jan 2023, 10:26
އެކްޓަރު އަނިލް ކަޕޫރާއި އަދިތްޔަ ރޯއި ކަޕޫރުގެ ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައިދޭ ވެބް ސީރީސް "ދަ ނައިޓް މެނޭޖާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ރިލީޒްކޮށްފިއެވެ.
ކުރިއަށްއޮތް ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ރިލީޒްކުރާ މި ސީރީސްއަކީ، މިނަމުގައި 2016ވަނަ އަހަރު ބީބީސީވަންއިން ގެނެސްދިން ސީރީސްއެކެވެ. ސީރީސްގެ ލީޑް ރޯލްއިން ފެނިގެންދާ އަނިލްއާއި އަދިތްޔަ ރޯއި ކަޕޫރުވެސް ފެނިގެންދާނީ ވަރަށް ވަރުގަދަ ދެ ރޯލްއިންނެވެ.
"ދަ ނައިޓް މެނޭޖާ"ގެ ޓްރެއިލާ ރިލީޒްކުރަމުން އަދިތްޔަ ބުނެފައިވަނީ، ތަފާތު ނަންތަކުގައި، އެއް މަޤްޞަދެއްގައި ދެމި ހުންނަ ނައިޓް މެނޭޖާއަށް އޮފް ޑިއުޓީއެއް ނުއޮންނާނެ ކަމަށެވެ. އެކްޓަރު އަނިލް ކަޕޫރު ބުނެފައިވަނީ، ވެބް ސީރީސް އެއްކޮށް ނިންމާލެވުމުން ކުރެވުނު މަސައްކަތާމެދު ފަޚުރުވެރިވާކަމުގައެވެ.
އަދި ބެލުންތެރިންނަށް މިވެބް ސީރީސް ކަމުދާނެކަމަށް އުއްމީދުކުރާކަމަށްވެސް 66އަހަރުގެ އެކްޓަރުވަނީ ބުނެފައެވެ. "ދަ ނައިޓް މެނޭޖާ"ގައި ދައްކުވައިދޭނީ ޤަވަޢިދާ ޚިލާފަށް ހަތިޔާރުގެ ވިޔަފާރި ހިންގާ ނުފޫޒު ގަދަ ވިޔަފާރިވެރިއަކު އަތުލައިގަތުމަށް ހޮޓަލެއްގެ ނައިޓް ޑިއުޓީގައި ދެމިހުންނަ މެނޭޖަރަކު އަދާކުރާ ދައުރެވެ. ޓްރެއިލާއިން ފެންނަގޮތުގައި މިސީރީސްއިން ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ފެނިގެންދާނެއެވެ.
އަނިލް ކަޕޫރާއި އަދިތްޔަ ރޯއި ކަޕޫރުގެ އިތުރުން މިސީރީސްގެ ކާސްޓުންގެތެރޭގައި، ޝޮބީތާ، ރަވީ ބެލް އަދި ސަސްވަތާ ޗެޓަޖީ ހިމެނެއެވެ.
މިސީރީސްގެ ހިންދީ ރިމޭކް ޑައިރެކްޓްކޮށްފައިވަނީ ސަންދީޕް މޯދީއެވެ. މިސީރީސްގެ އިތުރުން އަނިލް ކަޕޫރު ބެލުންތެރިންނަށް އެންމެ އަވަހަށް ފެންނާނީ އެކްޓަރު ރަންބީރް ކަޕޫރާއި ބަތަލާ ރަޝްމިކާ ފެންނަ ފިލްމު "އެނިމަލް"އިންނެވެ. އަދިތްޔަ ރޯއި ކަޕޫރު މަސައްކަތްކުރަމުން އަންނަ އިތުރު ފިލްމުތަކުގެތެރޭގައި، "ލައިފް އިން އަ މެޓްރޯ" އަދި "ތަޑަމް" ހިމެނެއެވެ.