21 Jan 2023, 10:16
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ކާމިޔާބު ބަތަލާ ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނެރެން ތައްޔާރުވެއްޖެއެވެ.
ރަވީނާގެ ދަރިފުޅު ރަޝާ ބޮލީވުޑަށް ލޯންޗުކުރާނީ ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަބީޝެކް ކަޕޫރެވެ. މިފިލްމާއިބެހޭ މާބޮޑު ތަފްޞީލެއް ރަސްމީކޮށް ހާމަކޮށްފައިނުވާއިރު މިފިލްމުން އެކްޓަރު އަޖޭ ދޭވްގަންއަށް ބޮޑު ބޭބެކިޔާ އާމަން ދޭވްގަންވެސް ބޮލީވުޑަށް ތަޢާރަފްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކްޓަރު އަޖޭ ދޭވްގަންވެސް މީގެކުރިން ފެނިފައިނުވާފަދަ ރޯލަކުން ފެންނާނެކަމަށް މަޢުލޫމާތު ލިބެއެވެ. އެކްޝަން ތްރިލާއެއްކަމަށް ބޮޑަށް ބެލެވޭ މިފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މިއަހަރުގެ ހޫނު މޫސުމުގައެވެ.
ރަވީނާ ޓަންޑަންއާއި ފިލްމު ޑިސްޓްރިބިއުޓާ އަނިލް ތަޑާނީގެ ދަރިފުޅު ރަޝާއަކީ ދެމަފިރިންނަށް ލިބިފައިވާ ދެ ކުދިންގެތެރެއިން ދޮށީ ދަރިފުޅެވެ.
އަނިލް ތަޑާނީއާއި ކައިވެނިކުރުމުގެކުރިން ރަވީނާވަނީ ޢުމުރުން 21 އަހަރުގައި، އޭނާގެ ދެބެއިންގެ ދެދަރި މީހެއްގެ ދެ އަންހެންކުދިން އެޑޮޕްޓްވެސް ކޮށްފައެވެ.
ރަވީނާގެ ދަރިފުޅު ރަޝާއާއެކު ބޮލީވުޑަށް ނެރެން ތައްޔާރުވެފައިވާ އާމަން ދޭވްގަންއަކީ، އަޖޭގެ އަންހެން ކޮއްކޮ ނީލަމް ދޭވްގަންގެ ދަރިއެކެވެ. ބަތަލާ ރަވީނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު ވަރަށް ގިނަ ފިލްމުތައް އަޖޭ ދޭވްގަންއާއެކުވަނީ ކުޅެފައެވެ. އަދި ގިނަ ފިލްމުތަކުގެ ލަވަތަކަކީ އޭރު ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ލަވަތަކެކެވެ.
ފިލްމީ ޢާއިލާއަކަށް ނިސްބަތްވާ ދެ ފަންނާނުން ހިންދީ ސިނަމާއަށް ނެރެން ތައްޔާރުވެފައިވާ ޕްރޮޑިއުސަރު އަބީޝެކް މީގެކުރިންވެސްވަނީ ހުނަރުވެރި ތަރިންތަކެއް ބޮލީވުޑަށް ނެރެފައެވެ. އޭގެތެރޭގައި އެކްޓަރު ސައިފް ޢަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ޢަލީ ޚާން ހިމެނެއެވެ. ސާރާ ޢަލީ ޚާން ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވެފައިވަނީ، 2018ވަނަ އަހަރު ރިލީޒްވި ފިލްމު "ކެދަރްނާތް"އިންނެވެ.
މީގެ އިތުރުން ފަރްޚާން އަޚްތަރު، ރާޖް ކުމާރް ރާއޯ އަދި ކުރީގެ އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތްއަކީވެސް އަބީޝެކް ހިންދީ ސިނަމާއަށް ނެރެދިން ތަރިންތަކެކެވެ.
ދެހާސް ހަ ވަނަ އަހަރުން ފެށިގެން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރުމުގެ މަސައްކަތުގައި އަބީޝެކް ޝާމިލްވެފައިވާއިރު އެންމެ ފަހުން އަބީޝެކް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމަކީ، 2021ވަނަ އަހަރު ރިލީޒްވި ފިލްމު "ޗަންދީގަރް ކަރޭ އާޝިޤީ"އެވެ. މީގެއިތުރުން ފިލްމު "ފިތޫރް"، "ރޮކް އޮން" އަދި "ކައިޕޫޗޭ"އަކީ އަބީޝެކް އުފައްދާފައިވާ މަޤުބޫލު ފިލްމުތަކެކެވެ.