ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޯކޭއެއް ނޫން ކަމަށާއި އެމަނިކުފާނާ އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްދާ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ކޯލިޝަނާއެކު އެމަނިކުފާނު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވުމުގެ ކުރިން މިރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވަނީ، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމަކީ ނުހަނު ބިރުގަންނަ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް ރައީސް ޔާމީން އެއްގޮތަކަށް ވެސް އޯކޭއެއް ނޫން ކަމަށެވެ.

"އެމީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން ތަކުރާރުކޮށް ބިރާއި އަނިޔާ ތަހައްމަލު ކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ފުރުސަތު ގެއްލިޖެނަމަ ކަންދިމާވި ދެރަގޮތް މިހާރު އެ ޕާޓީން ތަޖުރިބާ ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އެމްޑީޕީ ދެވަނަ ދައުރަކަށް ދިއުމަށް ލިބޭ ފުރަތަމަ ފުރުސަތު ކަމަށެވެ. މި ފުރުސަތުގެ ބޭނުން ރައްޔިތުން ހިފަން ޖެހޭ ކަމަށާއި އެކަން ކުރައްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. މިތަނުން މިއޮތީ އެކަން ނިންމާފައި. ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު 65،529 ދަރިވަރުން ހިލޭ ޑިގްރީ ސްކީމުން ކިޔަވާ ނިމިއްޖެ ކަމަށެވެ. އަދި 10 ހާހަށްވުރެ ގިނަ މުދައްރިސުންގެ މުސާރަ ބޮޑު ކުރެވުނުއިރު ފަސް ސަރަހައްދުގައި ސީޓީ ސްކޭންގެ ޚިދުމަތް ތައާރަފް ކޮށްފިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި 16،000 އަށްވުރެ ގިނަ ރޯހައުސް އާއި ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާކަމަށެވެ.

އޭގެ އިތުރުން ވެސް މި ސަރުކާރުން ނިންމާފައިވާ އިތުރު މަޝްރޫއުތަކާއި ކުރުމަށް ހަމަޖެހި ބީލަމަށް ހުށަހެޅިފައިވާ މަޝްރޫއުތަކުގެ ތަފާސްހިސާބު ވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، އިންކަޑާ، ގޯތި ދޭނީ ވެސް އެމަނިކުފާނު ކަމަށެވެ. ރައީސް ވިދާޅުވީ މާލެ ތޮއްޖެހި، މާލެ ހަމަނޭވާއަށް ފެއްތުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ވެސް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ.