13 Apr 2012, 22:16
އަށާރަ އަހަރުން ދަށުގެ މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދަރުމަވަންތަ ސުކޫލުން ހޯދައިފި އެވެ.
ދަރުމަވަންތަ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މިއުމުރު ފުރާގެ ފައިނަލް މެޗުގައި މަދަރު ސަތުލް އަހުމަދިއްޔާ އާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 5- 4 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވަނީ 1-1 ލަނޑުން އެއްވަރު ވެފަ އެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ދަރުމަވަންތަ ސުކޫލުންނެވެ. އެގޮތުން މެޗުގެ ދެ ވަނަހާފު ދަރުމަވަންތަ ސުކޫލުގެ އިބްރާހިމް ވިސާމް ލަނޑު ޖަހައި މެޗުގެ ލީޑް ނަގާފައި ވަނިކޮށް، އަހުމަދިއްޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެޓީމަށް މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ބިސާރު އެވެ.
މެޗަށް ފަހު ޗެމްޕިއަން ދަރުމަވަންތައަށް ތަށި ހަވާލުކޮސްދެވީ ސަރަފްވެރި މެހެމާން އެފްއޭއެމްގެ ރައީސް އަލީ އާޒިމެވެ.