20 Jan 2023, 23:37
އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އެކުލަވާލި ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ރުއްސަން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގއ. ގެމަނަފުށްޓަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން މަސްވެރިންނަށް އެކުލަވާލި ސިޔާސަތުތައް ތަންފީޒު ކުރަމުން ނުދާތީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އޭގެ ސަބަބުން އަނެއްކާވެސް މަހަށް ފުރުމުގެ ނަފާ ކުޑަވަމުންދާ ކަމަށެވެ. އެގޮތުން، 1400 ޑޮލަރަށް ރޯމަސް ޓަނެއް ވިއްކާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ، މަހުގެ ފުރިހަމަ ނަފާ ނުލިބޭ ގޮތަށް ރޯ މަސް ބޭރުކުރުމަކީ އެއްގޮތަކަށްވެސް އެމްޑީޕީގެ ސިޔާސަތު ނޫން ކަމަށެވެ.
އެމްޑީޕީން ހުށަހަޅާފައިވަނީ ރަށްރަށުގައި 10 ޓަނާއި 30 ޓަނު ބަންދުކުރެވޭ މަސްޕްލާންޓާއި މަސް ފެކްޓްރީ ހެދުމަށް ކަމަށާއި، އެހެންނަމަވެސް ސަރުކާރުން އެނބުރުނީ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ނުކޮށް، އިއްތިހާދުގެ ސިޔާސަތު ތަންފީޒު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު މި ޕާޓީގެ ގިނަ މެންބަރުންގެ ކަންބޮޑުވުމާއި ނުރުހުން ހުއްޓިފައި ހުރީ އިއްތިހާދު ރުއްސުމަށްޓަކައި ސަރުކާރުން ހިންގި ބޮޑު މަސައްކަތަށް. އެމްޑީޕީގެ ސިޔާސަތު ތަންފީޒެއް ނުވި. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ އިއްތިހާދު ރުއްސުމަށް.ރައީސް މުހައްމަދު ނަޝީދު
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، އިއްތިހާދަކީ ރާއްޖޭގެ ރައްޔިތުންގެ އިއްތިހާދެއް ނޫން ކަމަށާއި، ރާއްޖޭގެ ބޮޑު ބަޔަކީ އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި ވާދަވެރި ޕީޕީއެމްއަށް ތާއީދުކުރާ މީހުން ކަމަށެވެ.
އަދި، މަޖިލީހުގެ އިންތިހާބުންވެސް ކޯލިޝަން ޕާޓީތަކަށް މާބޮޑު ތާއީދެއް ނެތްކަން ހާމަވެގެންދިޔަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ތާއީދާ ނުބައްދަލު ސަރުކާރުގެ ހިއްސާ އެމީހުންނަށް ލިބޭ ކަމަށެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަކީ 'ޗޮއިސް' އެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކޯލިޝަނަކާއަކު ނިކުމެވަޑައިގެން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.