20 Jan 2023, 22:38
މިއަދު އެންމެ ބިރުހީވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއެކު ކޯލިޝަނެއް ހައްދަވާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްދާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މިހާރަކަށް އައިސް ރައީސް ނަޝީދު، އެމަނިކުފާނާ ރައީސް ޔާމީން އެއްގޮތް ކަމަށް ވިދާޅުވަމުންދާ ކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތް ފިޔަވާ އެހެން ހުރިހާ ކަމެއްގައި އެ ދެބޭފުޅުންގެ ސިޔާސަތު އެއް ގޮތް ކަމަށް ރައީސް ނަޝީދު މިހާރު ވިދާޅުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނިކުމެވަޑައިގެން، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެންގެ ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒުބާތުގައި ޖެހިގެން ވެސް އެމަނިކުފާނު އެފަދަ ކަމެއް ކުރިޔަދީގެން ނުވާނެ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ނަޝީދު ރަށްރަށަށް ޒިޔާރަތް ކުރުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ޕީޕީއެމަށް ނިސްބަތްވާ މީހުން ހަރަކާތްތެރިވަމުންދާ ތަން ވެސް ފެންނަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޕޯސްޓަރުތަކާ ބެނާތައް ހަރުކުރުމުގައި ޕީޕީއެމް އެކްޓިވިސްޓުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ. އަޅުގަނޑަށް ބިރުހީވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކު ކޯލިޝަނެއް ހައްދަވާފާނެތީ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި، މި ސަރުކާރު ވެރިކަމާ ހަމައަށް އަންނަން ދެން ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވަން ޖެހުނު ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި އެކަމަނާ ވަނީ ރައީސް ޔާމީނުގެ ވެރިކަމުން ފެނުނީ ބިރުވެރިކަން ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިންނާއި ޚިޔާލުފާޅު ކުރުމަށް ނުކުންނަ މީހުންނަށް ރައީސް ޔާމީނުގެ ވެރިކަމުގައި ދިން އަނިޔާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމާއި ފަނޑިޔާރުންނަށް ކުރު އުނދަގޫތަކުގެ ވާހަކަ ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދު ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން މާ ތަފާތު ބޭފުޅެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނާ ދެމެދު އޮތް ހަަމައެކަނި ޚިޔާލު ތަފާތުވުމަކީ އެމަނިކުފާނު އިސްވެ ހުންނަވައި އަވަށްޓެރި އިންޑިއާ އާ ދެކޮޅަށް ހިންގަވާ "އިންޑިއާ އައުޓް" ފިކުރު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމްޑީޕީ ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސާ ޞާލިޙާއެކު ވެސް އަދި ޕީޕީއެމާއެކު ވެސް ނުހުންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.