20 Jan 2023, 23:09
ސްރީލަންކާގެ ނޫރަލިޔާގައި ބަހަކާއި ވޭނަކާއި ކުރޮޅިއެއް އެކްސިޑެންޓުވެ، ހަތް މީހަކު މަރުވެއްޖެއެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުގައި އެ ހާދިސާ ހިނގީ ނޫރަލިޔާގެ ރަޑެއްލާގެ މަގެއްގައެވެ. އެ ހާދިސާގައި އެކްސިޑެންޓުވި ބަހުގައި ދަތުރުކުރީ ކޮލޮމްބޯގެ ތާސްޓަން ކޮލެޖުގެ ދަރިވަރުންތަކެކެވެ.
އެ ހާދިސާ ހިނގީ، އެ ދަރިވަރުން ނޫރަލިޔާއަށް ކުރި ދަތުރަކަށް ފަހު އެނބުރި ކޮލޮމްބޯއަށް ދިޔަ މަގުމަތީގައެވެ. އެ ބަހާއި ވޭނާއި ކުރޮޅި އެކްސިޑެންޓު ވުމުން، ބަސް ވަނީ ފުރޮޅާލާފައެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ ކޮލޮމްބޯ ގެޒެޓުގައިވާ ގޮތުން އެ ހާދިސާގައި މަރުވި ހަތް މީހުންނަކީ ވޭނުގައި ތިބި ނުވަ މީހުންގެ ތެރެއިން ހަތް މީހެކެވެ.
ހަމައެއާއެކު، އެކްސިޑެންޓުވުމުގެ ސަބަބުން 40 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށާއި އޭގެ ތެރޭގައި ބަހުގައި ތިބި ދަރިވަރުން ވެސް ހިމެނޭ ކަމަށް އެ ނޫހުގައިވެއެވެ.
ކޮލޮމްބޯގެ ސްކޫލުތަކާއި ކޮލެޖުތަކުގައި ރާއްޖޭގެ ގިނަ ދަރިވަރުން ކިޔަވައެވެ. އެގޮތުން ނޫރަލިޔާ އަކީ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދެކެވެ.
މިއަދު ހިނގި ހާދިސާއާ ބެހޭ ގޮތުން ދިވެހި ފޮރިން މިނިސްޓްރީން މިރޭ ބުނީ، އެފަދަ ހާދިސާއެއްގައި ދިވެއްސަކަަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.