27 Jan 2023, 10:21
"ދިރިއުޅުމަކީ ކުދި ކުދި ކަރާމާތްތަކުން ފުރިފައިވާ ވާހަކައެކެވެ. އެކަން ފާހަގަވާނީ ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނައިލުމުންނެވެ."
***
ނަފްސާނީ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ މުހައްމަދު ނާޒިމްގެ ބޯޑު ފެނުމުން ކާއިނާތު އެމީހަކާއި ބައްދަލުކުރާ ހިތްވިއެވެ. އޭނަގެ ބައްޕައަކީ ނާޒިމްއެއްކަމަށް މަންމަ ބުނި ދުވަހުން ފެށިގެން ރާއްޖެއިން އެ ނަން ކިޔާ މީހެއް ހުރިއްޔާ އެމީހަކު ދެކެން ބޭނުންވެއެވެ. ދެރައީ އެއްވެސް ނާޒިމެއްގެ މޫނުން އޭނަގެ ސިފަ ނުފެންނަކަމެވެ. މަންމަ އޭނަ އޮޅުވައިލަން ނުބައި ނަމެއް ބުނީ ނޫންބާވައޭވެސް ހިތަށް އަރައެވެ. ތެދަށް ބުންޏަސް ނާޒިމްއަކީ އާއްމު ނަމަކަށް ވުމުން އެ މީހަކު ހޯދުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. ކާއިނާތު ހޮސްޕިޓަލަށް އައީ އެހެން ބައްޔަކަށް ފަރުވާ ހޯދަން ކަމުގައިވިޔަސް މި ޑޮކްޓަރަށް ދައްކައިލަން ހަތަރުސަތޭކަ ރުފިޔާ ބޭކާރުކުރުމުގެ ޚިޔާލު ހިތުގައި އުފަންވިއެވެ.
ކާއިނާތު އެ ކޮޓަރިއަށް ވަނުމާއެކު ސިހުނެވެ.
"ޔޫ...ޔޫ އާ ހިއަރ؟"
އެހީތެރިޔާގެ ގޮނޑީގައި އިން ޖީލަންއަށްވެސް ކާއިނާތު ފެނުމުން ފުންމައިގެން ތެދުވެވުނީ ސިހިފައެވެ. ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އައުމުން ލަދުގަނެ "ބްލަޝް" ވެއްޖެއެވެ.
"އަހަރެންވެސް ތި ސުވާލުކުރަން ބޭނުން..."
"އައި ހޯޕް މަގޭ ވާހަކަ ދައްކަން ނޫންކަމަށް ތިއައީ.........." ކާއިނާތު ސީރިޔަސް ނަޒަރަކުން ބަލައިލުމުން ޖީލަން އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. ކާއިނާތު ބަލިމީހާއަށް ބަހައްޓާފައި ހުރި ގޮޑީގައި އިށީދެ އަތުގައި އޮތް މެމޯކޮޅު ޑޮކްޓަރަށް ދިއްކޮށްލިއެވެ. ޑޮކްޓަރ ނާޒިމް ބޮޑު ގޮނޑީގައި އިށީދެލައިގެން އިންއިރު ފުރަތަމަ ނަޒަރުންވެސް އިލްމީ ގާބިލް ވިސްނުންތޫނު މީހެކޭ ހިތަށް އެރިއެވެ. އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ނުރަ ހުރެފައި ތުނބުޅި މަތިމަސް ރީތިވަރަކަށް ކޮށާލާފައިވީއިރު ހިނިތުންވުމުގައި އޯގާތެރިކަމެއް ހުއްޓެވެ. ޔަގީނުންވެސް ކާއިނާތުގެ ސިފައެއް މި ނާޒިމްގެވެސް ނެތެވެ.
މި އުމުރުގައިވެސް ޒުވާން ރީތި އަންހެންކުދިން ފެނުމުން ސޮނިފައިބާ ލޯ ދިއްލޭ ފިރިހެނުން އުޅޭކަން ކާއިނާތުވެސް ދަނެއެވެ. ނަސީބަކުން މިއީ ނަފްސާނީ ޑޮކްޓަރަކަށްވުމުން ބަލިމީހާއާއި ޑޮކްޓަރގެ ގުޅުން ނޫން އިތުރު ގުޅުމެއް ބާއްވަން ހިތަށް އަރުވާ ވައްތަރެއްވެސް ނޫނެވެ.
"ހެލޯ ކާއިނާތު...ހައު ކެން އައި ހެލްޕް ޔޫ ޔަންގް ލޭޑީ؟"
ކާއިނާތު ކިޔައިދިނީ އޭނައަށް މިދުވަސްކޮޅު ދިމާވެގެން އުޅޭ އުދަގޫތަކެވެ. ޑޮކްޓަރ ގްރޭވްސް ޑިޒީސް ކަމަށް ބުނުމުންވެސް ބޭސް ކާން ބޭނުންނުވުމުން ބޭސްތައް އުކާލީކަމަށާއި މިދުވަސްކޮޅު އަދި އެހެން ކަމެއް ދިމާވެގެން އުޅޭތީ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވީކަމުގައި ބުނެލިއެވެ.
"މައި ބޯއިފްރެންޑް އިޒް.......ޑެޑް.." ކާއިނާތު ތުންފަތުގައި ދަތް އަޅައިލިއެވެ. ޖައްވަށް ދިޔަ ވާހަކައާއި ގެއްލިގެން އުޅޭ ސައިރަސްއަކީ އޭނަގެ ލޯބިވެރިޔާކަމުގައި ބުނުމުން އެކަން ގަބޫލުކުރަން ޑޮކްޓަރަށްވެސް ފަސޭހަ ނުވެ ހިނގައިދާނެއެވެ. އެހާ މަޝްހޫރު މުހިއްމު ޝަޚުސެކެވެ.
"އައިމް ސޮރީ...."
"އެފަހުން ޕެނިކް އެޓޭކްތައް ޖެހި އަދި ނުނިދޭ....."
"ކެއުމާއި މޫޑް ކިހިނެއް؟"
"ރަގަޅަށް ކެވޭ. އިންފެކްޓް ކުރިއަށްވުރެ ގަދަޔަށް ކެވޭ. ކުރީ ދުވަހުވެސް މަންމަ ގެއަށް ގެނައި ގްރިލްޑް ކުކުޅު އެއްކޮށް ކައިލެވުނީ. ވަކިން ބޮޑަށް ފޮނި އެއްޗެއްސަށް ކްރޭވިން....."
"އަމިއްލަ ނަފުސަށް ގެއްލުން ދޭން ނޫނީ ނެގަޓިވް ޚިޔާލުތައް ކުރެވޭތަ؟"
"ނޫން. އެކަމަކު ކުރިއްސުރެ ފާހަގަކުރެވޭ ކަމެއް. ހަނދާއި އުޑުމަތިން ބޯއިފްރެންޑް ސޫރަވޭ. ހަމަ ރީއްޗަށް. ވިވިޑްކޮށް ފެނޭ. އަޅުގަނޑަށްވެސް އެހާ ދުރުން އެގޮތަށް ފެނިގެން ނުވާނެކަމަށް ގަބޫލުކުރެވޭ. ދެން މިހާރު ބައެއްފަހަރު ހީވޭ ޓަޗްކުރާހެން. ކުއްލިއަކަށް އިސްތަށިގަނޑާއި ކުޅެލާ އަތުގައި ބީހިލާ އެކަހަލަ ކަންތައް ކުރޭ...." ކާއިނާތުވެސް ހައިރާންވަނީ އޭނައާއި ސައިރަސްގެ މިއޮތް ލޯބީގެ ގުޅުމުގައި ހުރި އަޖައިބުކަމާމެދުގައެވެ. އެހެން މީހުންނަށް ގަބޫލުކުރަންވެސް ފަސޭހަ ނުވެ ހިނގައިދާނެއެވެ.
"އަޅުގަނޑަށް ހީވާގޮތުން ޑިޕްރެސްވީމަ ހެލުސިނޭޓް ވަނީ އާއްމުކޮށް ސިވިއާ ކޭސްތަކުގައި އެގޮތަށް ފެނިދާނެ..."
"ކުރިއަކުން އެއްވެސް ކަހަލަ ޑިޕްރެޝަން ކަހަލަ ކަމެއް ނުހުރޭ."
"އެންމެ ކުރިން ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދާފައި ދެން ތެރަޕީ ފެށުން ރަގަޅުވާނީ. ލޯބިވާ ފަރާތެއް ވަކިވުމުން ނަފްސާނީގޮތުން ބަލިކަށިވެ އަސަރުތައް ކޮށްފާނެ...ސޯ އަޅުގަނޑު ރިކޮމެންޑް ކުރަނީ އެގޮތަށް. މިތަނުން ސައިކޮލޮޖިސްޓަށް ދެއްކޭނެ އަދި ތެރަޕީވެސް ލިބޭނެ...އެކަމަކު އަދި އެންޑޯކްރައިނޮލޮޖިސްޓަކާއި ކޮންސަލްޓްކޮށް ބޭސްކުރިއަށް ގެންދިޔުން މުހިއްމު. ނޫނީ ހިތަށް އޭގެ އަސަރު ކޮށް އަދި ޕެނިކްއެޓޭކްފަދަ ކަންތައް ދިމާވެ ހަށިގަނޑަށް އިތުރު މައްސަލަަތއް ކުރިމަތިވާނީ..."
ނާޒިމްގެ އަޑުގައި ހުރި އޯގާތެރިކަމުންވެސް ހިތަށް ލިބުނު ހަމަޖެހުމަކަށްވިއެވެ.
ހުރިހާ "ނާޒިމް" ތައް މިހެންވިޔަސް އޭނަގެ މަންމަގެ ހަޔާތަށް ލައްވައިލި ނާޒިމްއަކީ ނުބައި ނުލަފާ އިފްރީތެކެވެ.
ކާއިނާތު އަމިއްލައަށް ހިނިތުންވެލީ ހިތަށް އެރި އެއްޗަކުންނެވެ.
"އަޅުގަނޑު އަދި ނުބުނާ ވާހަކައެއް އެބައޮތް. ކުޑައިރުއްސުރެ މަންމަ ބުނާގޮތުން ބޭރަށް ނުކުމެ ތަރިތައް ބޭނުންވެގެން ރޮއިހަދާ. އޭރު ހީކުރީ ތަރިތަކާއި ހަނދަކީވެސް މަންމައަށް އުޑުމަތިން ނަގާފައި ދެވޭނެ އެއްޗެއް ކަމަށް. ތަންކޮޅެއް ބޮޑުވުމުންވެސް ތަރިތަކާއިހެދި މޮޔަވެ ކޮންމެ ރެއަކު ބަލަން ހުރެވޭ. ތަރިތަކުގެ ދުނިޔެއަށް ދާން ބޭނުންވޭ. ކުޅަދުންވަންތަކަމާއިމެދު ވިސްނޭ. އެއްދުވަހު ކުއްޖަކު ބުނި ތަރިތައް މިހާރު ބަލަން ހުއްޓަސް ހަގީގަތުގައި ތި ފެންނަނީ ޕާސްޓްގެ މަންޒަރެކޭ. އަޅުގަނޑު ވަރަށް ހައިރާންވި. އޭރު އެހެން ގެލެކްސީތަކުގައި ޓައިމް ތަފާތުވާކަމާއި ތަރިތައް ލޮލަށް ފެންނަން ހުއްޓަސް އެއީ ކިހާ ދުރުމިނެއްކަން އަންދާޒާވެސް ނުކުރެވޭ. ޕާސްޓްގެ މަންޒަރެއް ލޮލަށް ފެންނަން ޖެހޭ ސަބަބެއް އޭރު ނޭގުނަސް އަބަދު ވިސްނޭ. ތަރިތަކާއި ހަނދާއި އިރާއި ޕްލެންޓްތަކާއި ކޮމެޓް އެހެންގޮސް ޔުނިވާސްގައިވާ ކޮންމެ އެއްޗަކަށް ޝައުގުވެރިވޭ. އެހާ ބޮޑަށް އެކަމަށް ލޯބިކުރާ މީހަކަށް ކިޔާނީ ކޮން ނަމެއްތޯ؟ ފާޑަކަށް އޮބްސެސްވެ އެކަމާއި ދުރުވެވޭނެ އެއްވެސް ގޮތެއް ނެތް... މިއީވެސް ނަފްސާނީ ބައްޔެއްތޯ؟"
"އެސްޓްރޮފީލިއާ....."
"އެއީ ނުރައްކާތެރި ބައްޔެއްތޯ؟"
"ނޫން. އެއީ ބައްޔެއްނޫން. މައްސަލައެއްވެސް ނޫން. ބައެއްކުދިން ތަންކޮޅެއް ބޮޑަށް ވަކި ކަންތައްތަކަށް ދެވިހިފާ އެކަމަކާއިގެން އުޅޭނެ..."
"ޑްރަގަށް ދެވިނުހިފިކަން ނަސީބެއް..." ކައިނާތު ކުޑަކޮށް ހީލިއެވެ.
ނަފްސާނީ ޑޮކްޓަރާއި ވާހަކަދައްކާލުމަށްފަހު އެކޮޓަރިން ނުކުތް ކާއިނާތުގެ މޫނުމަތިން މޮޅިވެރިކަމުގެ ފަރުދާ އުފުލިއްޖެއެވެ. ވަގުތީގޮތުން ނަމަވެސް ހިތަށް ތަސައްލީއެއް ލިބިއްޖެއެވެ.
***
ކާއިނާތު ޓެރެސްގައި ހުންނަ އޭނަގެ ޚާއްސަ މަގާމުގައި އިށީދެ ލިޔަން ފެށީ ސްޕޭސްސްޓޭޝަނުގައި ހުރެފައި އެސްޓްރޮނޯޓެއް ގެއްލިއްޖެއްޔާ ދިމާވެދާނެ ހާލަތާއި ގުޅޭގޮތުންނެވެ. ރާއްޖޭގެ ގިނަ މީހުން އެސްޓްރޮނޮމީއަށް ޝައުގުނެތަސް އޭނައަކީ އެކަމަށް މަރުދަންޖެހޭ ކުއްޖެކެވެ. ގިނަ ލިޔުންތަކަށްފަހު މީހުން އޭނައަށް ކޮމެންޓްކުރާތީ އޭނަގެ ލިޔުންތައް ކިޔާ މީހުން އޮންނަނީ ގިނަވެފައެވެ. ލައިކާ މައްޗަށް އެރިއިރު ހުރީ ގުނބު ހިލިފައެވެ.
"މިކަން ވާވަރެއް ނޫން. ލިފްޓެއް ބަހައްޓަބަލަ. މިރޭ އަސަލްއާއި އާޔާވެސް އެބަ އާދޭ...މާދަން މީޓްވާން ވާނެ ދޯ..."
"އާނ. ލައި އެވަރަށް ފައިސާ ނުލިބި ލިފްޓާއި އެއްޗެހި ބެހެއްޓޭތަ؟"
"ތަރިތަކަށް ބަލަ ބަލާ ފޫއްސެއްނުވޭތަ؟" ލައިކާ ދުރުމީ ނަގައިގެން ހަނދަށް ބަލައިިލިއެވެ. "ވަރަށް ސަޅި...މިހުރިހާ ތަރިތައް ފިޔަޖަހާތަން ފެނުނީމަ ކުޑައިރު ނާސަރީ ރައިމްސް ހަދާންވަނީ...ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓާރ..."
"ލައިއަށް އެނގޭތަ؟ މިހާރު ތިފެންނަަ ތަރިތަކަކީ ޕާސްޓްކަން؟ ކުރީގެ މަންޒަރެއް ލޮލަށް ތިފެންނަނީ؟"
"ކީކޭ؟ ކިހިނެއް އެހެން ވާންވީ؟"
"އަލި ދަތުރުކުރާ ބާރުމިނަށް ބަލާފައި އެހެން މިބުނީ. މިސާލަކަށް އަލިގަދަ ތަރިއެއްކަމަށްވާ ސިރިއަސް ވަނީ ދުނިޔެއާއި 8.6 ލައިޓްޔިއާސް ދުރުމިނުގައި. ވީމަ މިރޭ ސިިރިއަސްގެ އަލި ލޮލާއި ހަމަޔަށް ފޯރަންޏާ އެ އަލި ދަތުރުކުރާތާ ހަގީގަތުގައި 8.6 އަހަރުވެއްޖެ. ވީމަ ސިރިއަސް އެފެންނަނީ މީގެ 8.6 އަހަރު ކުރިން ހުރިގޮތަށް އެ މަންޒަރު...."
ލައިކާ އަނގަ ހުޅުވިގޮތަށް ލައްޕަން ނޭގިފައި އިނެވެ.
"ލައި...ޝޮކް ޖެހިފަތަ؟ އަނަގޔަށް ކުރަތްޕެއް ވަދެގެން ހިގައްޖެ....." ކާއިނާތު ލައިކާގެ ޗަބީ ކޯތާފަތުގައި ހިފާފައި ހަލުވައިގަތުމާއެކު ލައިކާ އޯކަށް ދަމައިގަތެވެ. ކުރަތްޕަކީ ލައިކާގެ ބިރުވެރި ހުވަފެނެވެ.
"ކާމް ޑައުން ލައި. ކުރަފި އުދުހިގެން ހިގައްޖެ..."
"ހުވާތަ؟"
"އާނ...."
ލައިކާ ފެންފުޅިއެއް ކަރުތެރެއަށް އޮއްސާލައިގެން އެތައްފަހަރު އަނގަ ދޮވެލުމަށްފަހު ސުޕާރީ ޕެކެޓެއް ކާންފެށިއެވެ. "އޭރު ކާއީ ކީ އެއްޗެއް ބޮލަކަށް ނުވަން...އެހެރަ ރީތި ތަރިތަކަކީ ކުރީގެ މަންޒަރެކޭ ބުނުމުން ނުވިސްނުނު.."
"މިސާލަކަށް އެހެރީ އަލިގަދަ ތަރިއެއް ދޯ...." ކާއިނާތު ތަރިއަކަށް އިޝާރާތްކުރިއެވެ. "އެތައް މިލިއަން ލައިޓް ޔިއާސް ދުރުގައި ހުރި ތަރިއެއް. އެތަރި އޯލްރެޑީ ހަމަ ޑެޑްކަން ނޭގޭ..... އެތަރީގެ ކުރީގެ ޕިކްޗާއެއް ފެންނަން އެހެރީ.."
"ނުވިސްނޭ.."ލައިކާ ބޮލުގައި ތަޅައިގަތެވެ.
"މިސާލަކަށް މިހެން ވިސްނާ. އިރުގެ އަލި ދުނިޔެއަށް ފޯރަނީ އަށް މިނިޓްފަހުން...150 މިލިއަން ކިލޯމީޓަރު ދުރުގައި ހުރި އިރުން އަންނަ އަލި ދުނިޔެއަށް ފޯރަނީ އަށް މިނިޓްފަހުން އެހެންވީމަ އަށްމިނިޓްގެ ކުރީގައި އިރު ހުރިގޮތަށް އަހަރެމެންނަށް ފެންނާނީ..އެގޮތަށް ވުޖޫދުގައި މިހާރު ނެތްތަރިތަކުގެ އަލިވެސް އުޑުމަތިން ފެންނަން ހުރެދާނެ..ސަބަބަކީ އިރަށްވުރެ އެހެން ތަރިތައް މާ ދުރުގައި ވުމުން ދުނިޔެއަށް އަލި ފޯރަން އެތައް އަހަރެން ނަގާނެތީ. އެހާ ހިސާބަށް ދާއިރު އެ ތަރި އޯލްރެެޑީ މަރުވެފައިވާނީ. މަށަކީ ޓީޗަރެއް ނަމަ މިއަށްވުރެ ތަފްސީލުކޮށް ކިޔާދޭނީ. ގޫގުލްކޮށްގެން ދެން ހޯދާ...." ކާއިނާތުގެ ލޯ ކުއްލިއަކަށް ވިދައިގަތެވެ. އޭނަ ދުރުމީއިން އުދަރެހަށް އަމާޒުކޮށްލަމުން ހިނިތުންވެލިއެވެ.
"ސައިރަސް...ހީޒް ސްމައިލިން އެޓް މީ....ފެނޭތަ؟."
"އޭނަވެސް ހުރީ އެއިން ތަރިއެއްގައިތަ؟ ސޯ ސައިރަސްގެވެސް ޕާސްޓްގެ ފޮޓޯއެއްނު އެފެންނަނީ. އަށް އަހަރު ކުރިން ސައިރަސް ހީލައިގެން ހުއްޓާ ނޫންތަ މިހާރު ދުނިޔެއަށް ތިފެނުނީ........." ލައިކާ ދުރުމީ ޖަހައިގެން ބަލަން ފެށިއެވެ."ޔެސް......އޭނަ ހީލައިގެން އެހެރީ........އަހަންނަށްވެސް ފެނިއްޖެ..."
"ޝަޓަޕް."ކާއިނާތުއަށް ހެވުނެވެ."ލައިއަކަށް ދޮގު ހަދާކަށް ނޭގޭ........"
"ކާން އެނގިދާނެ. މީރު ކާއެއްޗެއް ނެތްތަ؟"ލައިކާ ހިނގައިގަތެވެ."ކާއީ ބުރަ އުފުލާނެކަމެއްނެތް. ފްރިޖްގައި އެއްޗެއް ހުރިތޯ ބަލާފައި އެބަގެންނަން....."
ކާއިނާތު އޭރު ހުރީ ޕިއްޒާއަކަށް އޯޑަރުކޮށްލައިގެންނެވެ. ބަނޑުހައިކަމުގެ އުދަގޫތައް ނައްތާލަންވީގޮތެއް އޭނައަކަށް ނޭގެއެވެ. ކާއިރުވެސް އެ އިހުސާސްތައް ދެމިހުންނަނީއެވެ. ތައިރޮއިޑްގެ ސަބަބުން މިފަދަ ގޮތެއްވެދާނެކަމަށް އޭނަ ކުރިން ހިޔެއްނުކުރެއެވެ. ބޭސްކާން ވީހެއްޔެވެ؟
***
އަސަލްއާއި އާޔާ އެކީގައި ކާންތިބިއިރު ދެމީހުން ހީހީފައި ގާތްކޮށް ވާހަކަދައްކަމުން ދިޔަގޮތުން އެތައް ޒަމާނެއްވެފައިވާ ދެމަފިރިންފަދައެވެ. އެއްވެސް ދުރުހިލޭކަމެއް ނެތެވެ.އަސަލް އާޔާގެ މޫނަށް ބަލަން އިނީ ތަންކޮޅެއް ކުރިން ކާއިނާތުގެ ލޮލަށް ބަލަން އިންނަހާ ލޯބިންނެވެ. ދުރުގައި އެމަންޒަރު ބަލަން އިނދެފައި ކާއިނާތު ހިނިތުންވެލިއެވެ. "އަސަލްއަށް އެންމެފަހުން ހެޕިނެސް އަކީ ކޯނޗެއްކަން އެނގިއްޖެ. ވަރަށް އުފާވެއްޖެ. އަހަންނަށް އަސަލްދެކެ ލޯބިނުވެވުނީ. މަގޭ ޑެސްޓިނީ ތަފާތު. މަށަށް ލޯބިވެވުނީ އެހެން މީހެއްދެކެ....."
ކާއިނާތު ގެއަށް ވަދެފައި ދަބަސް ސޯފާ މައްޗަށް އެއްލާލާފައި ވެއްޓިގަތެވެ. ނިތްމަތީގައި އަތް ބާއްވައިގެން އޮވެފައި ހޭންފެށިގޮތަށް ހުއްޓާނުލާ ހެވުނެވެ.
"ކާއިނާތު.މިހާރު ހިތަށް އެއްޗެއް އަރައިފި ދޯ...ކުރެވުނު މޮޔަކަންތައް ރޭކާލައިގެން އަމިއްލަ ނަފުސަށް މަލާމާތްކޮށްފައި ތިހެނީ؟" ހާޖަރު މެންޑެރިން އޮރެންޖް ތޮށިގަނޑު ނޮޅަން ހުރެފައި ކާއިނާތުގެ އަނގައިގެ ތެރެއަށް އެއް އަރިލެއްވިއެވެ.
"ކޮންކަމަކާއި؟"
"އަސަލްފަދަ ޖަވާހިރެއް ދެން ނުލިބޭނެ.."
"މަންމަ ކުރިން އެއީ ޖަވާހިރެކޭ ނުވެސް ބުނަމެއްނު. ގެއްލުނުފަހުން ތިބުނީ. މިހާރު ހަނދުގެ ހިލަކޮޅެއް ހޮވީ. ޖަވާހިރަކަށްވުރެވެސް މާ އަގުބޮޑު. މަންމައަށް ފަލަކީ ވިޔަފާރިއާއި ކަންތައް އަދި ނޭގިގެން ތިއުޅެނީ؟" ކާއިނާތު ލޮލުތެރޭގައި ކަޅި ހިންގައިލިއެވެ."މަންމައަށް ނުވިސްނެނީ. އަސަލްއާއި ސައިރަސް އަޅާކިޔައިލީމަ އެކަން އެނގޭނީ. ސައިރަސް ހުރިހާގޮތަކުން ޕަފެކްޓް.........."
"އެއީ މަރު ކާފަރެއް. މިހާރު މަރުވިޔަސް ޖަހަންނަމައަށް އެއްލައިލެވޭނީ..."
"މަންމާ..."ކާއިނާތުގެ ހިތަށް ތަދުވިއެވެ.
"ކާއިނާތު ތި ހުވަފެނުގެ ތެރެއިން ހާމަ ދުނިޔެއަށް ނުކުމެބަލަ. ދުނިޔެ ބޭރަށްދާން ނޫޅެ..."
"މަންމައަށް ނޭގެނީ. އަހަރެމެން މިއުޅެނީ ދުނިޔޭގެ ބޭރުގައި..."
"މޮޔަ ވާހަކަ ނުދައްކާ ކާއިނާތު. ދުނިޔެއިން ބޭރުގައި ކިހިނެއް އުޅޭނީ. ވެއްޓިގެން ގޮސް ޖެހޭނީ ކޮންތާކު ކަމެއްވެސް ނޭގޭ......"
މަންމައަށް އެހާ މަދު އިލްމެއް ލިބިފައިވުމުން އޭނަ ހައިރާނެއްނުވެއެވެ. ހަގީގަތުގައި ސައިންސްވެރިންނަށްވެސް ކައުނާއިބެހޭގޮތުން އެނގެނީ އެންމެ ޕަސެންޓެކެވެ. އެއީ ކޯނޗެއްހެއްޔެވެ؟ މަންމަމެންނަށް ތަންދޮރު ނޭގުން އެއީ މައްސަލައެއްނޫނެވެ. ކަށްވަޅަށްދާންދެން އިލްމު އުނގުނުނަސް އިންސާނާއަށް ނޭގޭ ކަންތައްތައް ގިނައެވެ. ކާއިނާތު އޭނަގެ މަންމައަށް ވިސްނޭފަދަ ލަފުޒުތަކުން ވީހާވެސް ސާދާކޮށް ދުނިޔެއާއި ބެހޭގޮތުން މައުލޫމާތުދޭންފެށިއެވެ.
***
އާޔާ އޭނަގެ ބައްޕަ ނާޒިމް ޓެރެސްގައި ތިބިއިރު އެތައް ހާސް ތަރިތަކުން ރޭގަނޑުގެ އުދަރެސް ދިއްލާލާފައިވީ ހިތްތަކަށް އުފާލިބޭފަދަ ތަސްވީރެއްހެންނެވެ. ފިނިވައިރޯޅިތައް ގަސްތަކާއި ކުޅެލުމުން ނާނާ އަޅުވައިލާއިރު ތަނުގައި ހިފާލާފައިވަނީ މާމެލާމެލީގެ މީރުވަހެވެ. އާޔާ ދުރުމީއިން ތަރިތަކަށް ބަލަން ހުރެފައި ގޮސް ރެއިިލިންއަށް ލެނގިލައިގެން ހުއްޓުނެވެ.
"ޢަޅުގަނޑު ސުވާލެއްކުރަންތޯ؟"
"އާޔާ ބައްޕަ ގާތުން ހުއްދަހޯދައިގެން ސުވާލުކުރަން ދަސްކުރީ ކޮންއިރަކުންތަ؟"
"އެ ސުވާލުގެ ހުރި ސީރިޔަސްކަމުން އެހުމަކީ ފަސޭހަކަމަކަށްނުވާތީ. އެކަމަކު އެ ސުވާލު އަޅުގަނޑުގެ ސިކުނޑި ކަމުން ދާތީ.......ބައްޕައަށް ހާޖަރު ނަމަކަށް ކިޔާ އަންހެނަކު އެނގިލައްވާތޯ؟"
"ކީއްވެ ދަރިފުޅުތިހެން އެހީ؟" ނާޒިމް ސިހޭގޮތްވިއެވެ.
"ކާއިނާތު ބުނީ އޭނަގެ ބައްޕައަށްވެސް ކިޔަނީ ނާޒިމްއޭ. ނާޒިމް އޭނަގެ މަންމައަށް ލަނޑެއް ދީފައި ހަޔާތުން ނެރެ އެއްލައިލީޔޯ. އެހެންވެ ހިތަށް އެރީ އަޅުގަނޑާއި ކާއިނާތު ސިސްޓާރސްއިންނަށް ވެދާނެ އެއްވެސް ޗާންސެއް އޮވެދާނެތޯ؟ ބައްޕައާއިމެދު ޝައްކުވި ސަބަބަކީ ކާއިނާތުއާއި ބައްޕަ ފަލަކަށް ލޯބިކުރާވަރު ފެނުނީމަ. ދެމީހުންގެ އެއްގޮތް އިންޓެރެސްޓެއް ހުރީމަ އެގޮތަށް ވިސްނުނީ..."
ނުނިމޭ