މިދިޔަ އަހަރު ފަހުކޮޅު ރިލީޒްވި ފިލްމު "މިލީ"އަށްފަހު ބަތަލާ ޖާންވީ ކަޕޫރަށް އިތުރު ފިލްމަކުން ފުރުޞަތު ލިބިއްޖެއެވެ.

ފިލްމު "މިލީ"އަށް ބޮކްސް އޮފީހުގައި އެދެވޭ ތަރުޙީބެއް ނުލިބުނަސް ޖާންވީ ފިލްމުގައި ދެއްކި ހުނަރަށް ގިނަ ބައެއްގެ ތަރުޙީބުވަނީ ލިބިފައެވެ.

ލިބުނު ތަޖުރިބާގެ އަލީގައި ޖާންވީ ނިންމާފައިވަނީ ކުރިމަގުގައި ތަފާތު ރޯލްތައް ކުޅެން އިސްކަންދިނުމަށެވެ. އަދި މާޒީގައި ޖާންވީ ފެނިގެންދިޔަކަހަލަ ރޯލްތައް ކެރިއަރުގައި ތަކުރާރު ނުކުރުމަށް ވެސް ޖާންވީ ވަނީ ނިންމާފައެވެ.

ޖާންވީ ދާދިފަހުން ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ، ޖަންގްލީ ޕިކްޗާސްގެ ފިލްމު "އުލަޖް" ނަމަކަށް ކިޔާ ފިލްމަކަށެވެ. ސްޕައި ތްރިލާއެއް ކަމަށްވާ މި ފިލްމުގައި ޖާންވީއާއެކު ފެނިގެންދާނީ އާލިއާ ބަޓްގެ "ޑާލިންގްސް"އިން ފެނިގެންދިޔަ ތަމަޅަ އެކްޓަރު ރޯޝަން މެތިވްއެވެ.

ފިލްމު "އުލަޖް"އަކީ 2021 ވަނަ އަހަރު އިޢުލާން ކުރި ފިލްމެކެވެ. ފިލްމުގައި ބަތަލާ ޖާންވީ ކަޕޫރު ފެނިގެންދާނީ ވެސް ސްޕައިއެއްގެ ރޯލްއިންކަމަށް ރިޕޯޓުތައް ބުނެއެވެ. ޖާންވީއާއި ރޯޝަންގެ އިތުރުން ފިލްމުގެ ލީޑް ރޯލްއިން ސީނިއާ އެކްޓަރެއް ފެންނާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު އެއީ ކޮން އެކްޓަރެއްކަމެއް އަދި ހާމައެއް ނުކުރެއެވެ.

މިފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާނީ ނެޝަނަލް އެވޯޑް ޙާޞިލްކޮށްފައިވާ ލިޔުންތެރިޔާ ސުދާންޝޫ ސާރިއާއެވެ. މި ފިލްމަކީ، ޖަންގްލީ ޕިކްޗާސްގެ ކާމިޔާބު ފިލްމު "ރާޒީ"އަށްފަހު ބަތަލާއެއް ލީޑް ރޯލްއިން ފެނިގެންދާނެ އެކުންފުނީގެ ދެވަނަ ފިލްމެވެ.

ފިލްމު "ގުޑް ލަކް ޖެރީ"އިންވެސް މިދިޔަ އަހަރު ފެނިގެންދިޔަ ބަތަލާގެ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެތެރޭގައި ދަރްމާ ކުންފުނިން އުފައްދާ ފިލްމު "މިސްޓަރ އެންޑް މިސިޒް މާހީ" އަދި ވަރުން ދަވަންއާއެކު ކުޅޭ ފިލްމު "ބަވާލް" ހިމެނެއެވެ.