20 Jan 2023, 11:12
ފިލްމީ ތަރިންކަމަށްވާ ހެމާ މާލިނީއާއި ދަރްމެންދްރަގެ ދޮށީ އަންހެން ދަރިފުޅު އީޝާ ޑިއޯލް ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އެނބުރި ސިނަމާއަށް އަންނަކަން އިޢުލާނުކޮށްފިއެވެ.
ކުރިން ފިލްމުތަކުން ފެނުނު ބަތަލާ އެނބުރި ސިނަމާއަށް އަންނަ ފިލްމަކީ، ޔޫވީ ފިލްމްސްއިން ގެނެސްދޭ "މެއިން" ނަމަކަށްކިޔާ ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރަކީ، 2017 ވަނަ އަހަރު ރިލީޒްވި ފިލްމު "ބާދްޝާއޯ"ގެ ޑައިރެކްޓަރު ސަޗިން ސަރަފްއެވެ. އީޝާއާއެކު ފިލްމުގައި ފެނިގެންދާނީ ފިލްމު "ކައި ޕޫޗޭ"އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު އަމިތް ސާދްއެވެ.
ފިލްމު "މެއިން"އަށް ސޮއިކުރިކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އީޝާ ވަނީ ފޭނުންނާ ޙިއްސާކޮށްފައެވެ. އެހެންނަމަވެސް ފިލްމާގުޅޭގޮތުން އިތުރު ތަފްސީލު ހާމައެއްނުކުރެއެވެ. ދުވަސްތަކަކަށް ފިލްމީ މަސައްކަތްތަކާއި ދުރުގައި ހުރުމަށްފަހު އެނބުރި ސިނަމާއަށް އަންނައިރު ބެލުންތެރިން ފުރިހަމަ އެއްބާރުލުން ދިނުމަށް ބަތަލާ ވަނީ އެދިފައެވެ.
އީޝާ ޑިއޯލް ހިންދީ ސިނަމާއަށް ތަޢާރަފްވީ 2002 ވަނަ އަހަރު ފިލްމު "ކޮއި މެރޭ ދިލްސޭ ޕޫޗޭ"އިންނެވެ. ދެހާސް ބާރަ ވަނަ އަހަރު އިންޑިއާގެ ޒުވާން ވިޔަފާރިވެރިއެއްކަމަށްވާ ބާރަތް ތަޚްތާނީއާ ކައިވެނި ކުރުމަށް ފަހު އީޝާ ވަނީ ފިލްމީ މަސައްކަތުން ދުރުހެލިވެފައެވެ.
އެ ކައިވެންޏަށް މިހާރު ދެ އަންހެން ކުދިން ލިބިފައިވާއިރު އީޝާއަކީ މަޝްހޫރު ޓެލެވިޒަން ޝޯވް "ރޯޑީސް އެކްސް2"ގެ ގޭންގް ލީޑަރެއްވެސްމެއެވެ. ދާދިފަހުން އީޝާ މިދިޔަ އަހަރު ޑިޒްނީ ހޮޓް ސްޓާއިން ރިލީޒްކުރި ވެބް ސީރީސް "ރުދްރާ-ދަ އެޖްއޮފް ޑާކްނެސް"ގެ ރޯލަކުންވެސް ފެނިފައެވެ. އީޝާގެ ފިލްމީ ކެރިއަރުގައި ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި މާބޮޑު މަޤުބޫލުކަމެއް ލިބުނު ފިލްމުތަކެއް ނޫނެވެ.