ސާޅީސް އަހަރާ ނުބައްދަލު ތަރައްގީ އެންމެ ހަތަރު އަހަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެނެސްދެއްވައިފި ކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ރޭ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުމާގުޅިގެން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ސައްތާރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަކީ އެ ރަށާއި އަތޮޅުގެ ވަރަށް ގިނަ މީހުން ކުރަމުން އައި އުއްމީދެއް ކަމަށެވެ.

ސައްތާރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށް ނިމި، އެތަން އޮޕަރޭޝަނަށް ގެނެވުމުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓާތައް އިތުރުވެ ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވާލެވޭ ދޮރަކަށް ވާނެ ކަމަށެވެ.

"މި އެއާޕޯޓު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމުގެ މަގު ފަހިވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިގުތިސާދަށް ދިރުން ލިބިގެންދާނެ،" ސައްތާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖެއަށް ބެއްޔަސް ތަރައްގީގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަމަށާއި އެހެންވެ ހަމައެކަނި ހަނިމާދޫން ވެސް އެމަނިކުފާނަށް 70 ޕަސެންޓް ވޯޓު ލިބޭނެ ކަން ޔަގީންވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މިމަހުގެ 28 ވަނަ ދުވަހު ނަގާ ވޯޓަކީ ރާއްޖެއަށް އަންނަމުން މިދާ ތަރައްގީ ދަމަހައްޓަން ބޭނުންތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެއްކަން ފާހަގަ ކުރައްވަމުން ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ސައްތާރު ވަނީ އެހެން މެމްބަރުންގެ ކިބައިން ވެސް ރައީސް ޞާލިޙަށް ވޯޓު ދިނުމަށް އެދިލައްވާފައެވެ.

"ރައީސް ޞާލިޙުގެ ވެރިކަމުގައި ރާއްޖެ އާއި ރައްޔިތުންނަށް އަމާންކަމާއި ތަރައްގީ ގެނެސް ދެއްވާ އެކަން ސާބިތުކޮށް ދެއްވައިފި. އެފަދަ ލީޑަރުންނަށް އަބަދުވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބޭނެ. އެގޮތުން ރައީސް ޞާލިޙަކީ މިއަދު އެ ލޯތްބާއި ތާއީދު ހޯއްދަވާފައިވާ ބޭފުޅެއް،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ ރައީސް ޞާލިޙުގެ ވިސްނުންފުޅު އަމާޒު ކުރެއްވީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ އުމުރުފުރައަކަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިން ހިމެނޭ ގޮތަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުގެ ރާހަތެއް ނުކުރާ ފަރުދެއް އަދި ރަށެއް ވެސް ނެތް ކަން ފާހަގަ ކުރެެއްވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ފެންނަ ހިސާބުގައި ވެސް އަދި ރައްޔިތުންނަށް ނުފެންނަ ހިސާބުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސް ދިނީ އަދި ގެނެސް ދޭނީ ވެސް ރައީސް ޞާލީހު ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ގެނެސްދިން ބޮޑު ތަރައްގީ ބަޔަކަށް ހަޖަމު ނުވެގެން އުޅޭ މަންޒަރު ފެންނަމުންދާކަން ސައްްތާރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ބޭފުޅުންނަށް ވެސް އެ ފުރުސަތު ލިބި ބޭނުން ނުހިފުމަކީ ރައީސް ޞާލިޙުގެ މައްސަލައެއް ނޫން ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.

ސަރުކާރުން ބުނެފައިވަނީ އެއީރާއްޖޭގެ ތާރީޚުގައި ވެސް މާލޭ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމަށެވެ.