އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާއަށް ކުޅުމުގައި ދެން މި ސީޒަނުގައި ބައިވެރި ނުވެވޭތީ އެ މަގާމު ފޫބެއްދުމަށް ތަޖުރިބާކާރު ގޯލުކީޕަރު ޔެން ސޮމާ ބަޔާނަށް ގެންގޮސްފިއެވެ.

ބަޔާންއަށް ބަދަލުވެ ސޮމާ ބުނީ އެ ޓީމާ ދެކޮޅަށް މީގެ ކުރިން ވަރަށް ގިނައިން ކުޅެފައިވާ ކަމަށެވެ. ނަމަވެސް ބަޔާން ކަހަލަ ބޮޑު ކުލަބަކަށް ކުޅެން އަބަދުވެސް ބޭނުންވާކަމަށް އޭނާ ބުންޏެވެ.

ބަޔާންއަކީ ވަކި ހަމަތަކެއް ހިފަހައްޓާ ކުލަބެއްކަމަށާއި، އެކަހަލަ ކުލަބެއްގެ ކުޅުންތެރިއަކަށް ވުމުން ފަހުރުވެރިވާކަމަށް ސޮމާ ބުންޏެވެ.

ސޮމާ ބަޔާނާ ގުޅުނީ 2025ގެ ނިޔަލަށެވެ. އޭނާގެ ސޮއި ބަޔާނުން ހޯދީ 10 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށެވެ.

ސޮމާއަކީ ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރެކެވެ. އޭނާ އަކީ އެ ލީގުގައި އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރި ކުޅުންތެރިޔާ ވެސް މެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ބަޔާންއާއި މުންޗެންގްލަޑްބެކު ބައްދަލުކުރި މެޗުގައި އޭނާ ވަނީ ބަޔާންއިން ފޮނުވާލި 19 ހަމަލާއަކަށް ހުރަސްއަޅަައިފައެވެ. ގޯލަށް އަމާޒުވި 20 ހަމަލާގެ ތެރެއިން ގޯލުގެ ތެރެއަށް ވަނީ އެންމެ ހަމަލާއެކެވެ.

ނޮޔާއަށް އަނިޔާވީ ސްކީ ކުރިމުގެ ތެރޭގައެވެ. އެގޮތުން އޭނާގެ ފައި ބިންދައިގެން ދިޔުމުން މިހާރު އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އެ އަނިޔާއިން ރަނގަޅުވެ ނޯޔާއަށް ދެން މި ސީޒަންގައި ނުކުޅެވޭނެކަމަށް ބަޔާންގެ ޑޮކްޓަރުންގެ ޓީމުން ވަނީ ޔަގީންކޮށްދީފައެވެ.

އެހެންކަމުން އެ މަގާމަށް ކުޅުންތެރިއަކު ހޯދަން ނިންމީ އެ ޓީމުގެ ދެވަނަ ކީޕަރު ސްވެން އުލްރެއިޗް ފުރަތަމަ ގޯލް ކީޕަރެއްގެ ގޮތުގައި ބޭނުންކުރަން ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބޭނުން ނުވާތީއެވެ.

ބަޔާނުން ވަނީ އެ މަގާމަށް ގެެނައުމަށް ގިނަ ކީޕަރުންތަކަކަށް ފާރަލައިފައެވެ. އެގޮތުން ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯއާއި، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗްއާއި އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އެމިލިއާނޯ މާޓިނޭޒް ހިމެނެއެވެ.