19 Jan 2023, 21:50
ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެޗްޑީސީއިން އއ. ތޮއްޑޫގެ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެޗްޑީސީއިން ބުނީ އެ އެއްބަސްވުމުގެ ދަށުން، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ހައްލުތައް ތޮއްޑޫގައި ތައާރަފުކުރާނެ ކަމަށެވެ.
އެޗްޑީސީއިން ބުނީ ކުދި ޖަޒީރާ ރަށްތަކެއްހެން ދިވެހިރާއްޖެ އޮތް ކަމުގައި ވިޔަސް، ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމައެކަނި އާބާދީ ބޮޑު ސިޓީތަކަށް ޚާއްސަ އެއްޗެއް ނޫން ކަމަށެވެ. އަދި ކުދި ރަށްތަކުގައި ވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުން ވެސް އުޖާލާ ކުރެވިދާނެކަން އެ ކޯޕަރޭޝަނުން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.
އޭގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތަކާއެކު ހުޅުމާލެ ވެސް ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީއިން މަސަކަތްފަށާ ހަލުވިކަމާއެކު ކުރިޔަށްދާތާ މިހާރު ވަނީ އަހަރަކަށް ވުރެން ގިނަ ދުވަސް ވެފައި ކަން އެޗްޑީސީއިން ފާހަގަކުރިއެވެ. އަދި ކާމިޔާބު ކަމާ އެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް ހުޅުމާލޭގައި އަޅާފައިވާ ކަން ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެޗްޑީސީއިން ބުނީ އެ މަސައްކަތަށް ޚާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ތައާރަފު ކުރަމުންދާ ކަމަށެވެ. އެ ކަންކަމުގައި އެޗްޑީސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެއްމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.