20 Jan 2023, 10:55
އެތައް އަހަރެއް ވަންދެއް ފޭނުން ބިރުގަންނަވާލަމުން އަންނަ ފްރެންޗައިޒް "ސްކްރީމް"ގެ ފިލްމަށް އަލިއަޅުވާލާ ފުރަތަމަ ޓްރެއިލާ އެންމެފަހުން އާންމުކޮށްފިއެވެ.
ސްކްރީމްގެ އެންމެ ފަހު ފިލްމަށް ފަހު އެތައް ބަޔަކު އިންތިޒާރު ކުރަމުން އައީ ދެން ފިލްމު ފްރެންޗައިޒަށް ވާނެގޮތަކާ މެދުގައެވެ. ގާތްގަނޑަކަށް 27 އަހަރު ވަންދެއް ފިލްމުގެ ލީޑުން ފެނުނު ނީވް ކެމްޕްބެލް ވަނީ އެންމެ ފަހުން ފިލްމު ފްރެންޗައިޒަށް އަލްވަދާއު ކިޔާފައެވެ.
ފްރެންޗައިޒްގެ ފަސް ފިލްމަށް ފަހު ނީވް އެ ފްރެންޗައިޒަށް އަލަވަދާއު ކިޔާފައިވާތީ ފްރެންޗައިޒުގެ އާ މިސްރާބަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން ދިޔައެވެ.
ފަސް ވަނަ ސްކްރީމް ފިލްމުގައި ތައާރަފުކުރި އެކްޓަރުންނާއެކު އާ ސްކްރީމް ފިލްމު މިފަހަރު ފެންނާނީ މުޅިން ތަފާތު މާހައުލަކުންނެވެ. މީގެ ކުރިން ފިލްމުތަކުގައި ހެން މަޑުމައިތިރި މީހުން މަދު އަވަށެއްގެ ބަދަލުގައި މިފަހަރުގެ ފިލްމު ފެންނާނީ ބިޒީ ސިޓީއަކުންނެވެ. އަދި މިފަހަރު ފިލްމުގެ އައިކޮނިކް ވިލަން "ގޯސްޓް ފޭސް"ގެ ފޯމިއުލާތައް ވެސް ބަދަލުކޮށްލާނެ ކަމަށް ބެލެވެއެވެ.
އަލަށް އާންމުކުރި ޓްރެއިލާއިން ފެނިގެން ދަނީ ގޯސްޓް ފޭސް އެކި ކަހަލަ ހަތިޔާރު ބޭނުންކޮށްގެން އަތުޖެހޭ ކޮންމެ މީހަކުވެސް މަރަމުން ލީޑް ކެރެކްޓަރުންގެ ފަހަތުން އުޅޭ ތަނެވެ.
ކުރީގެ ކާސްޓުންގެ ތެރެއިން ބޮޑު ރޯލެއް މިފަހަރު ފެންނާނީ ކޯޓްނީ ކޮކްސްގެ ފަރާތުންނެވެ. އޭނާގެ ގިނަ މަންޒަރުތަކެއް މި ޓްރެއިލާއިން ވެސް ފެނިގެން ދެއެވެ.
ދެން ފިލްމުގައި ވާ ގޮތް އެނގޭނީ ރަސްމީ ޓްރެއިލާއަކުންނެވެ. ފިލްމުގެ ލީޑުން ޖެނާ އޯޓޭގާގެ އިތުރުން ސަމާރާ ވީވިން އާއި ހޭޑެން ޕެނިޓެއާ ފަދަ ފާހަގަކޮށްލެވޭ އެކްޓަރުން ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެނެވެ.