ޑިޒްނީ މާވެލްގެ ކެރެކްޓަރެއް ކަމަށްވާ ހޯކް އައިގެ ރޯލުން ފެންނަ ޖެރެމީ ރެނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އެންމެފަހުން ހޮސްޕިޓަލުން ޑިސްޗާޖުކޮށްލައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހުގައި ރެނާ ވަނީ އޭނާގެ ގޭ ދޮށުން ސްނޯ ސާފު ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އޭނާގެ ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާގެ މެއަށް ގިނަ އަދަދަކަށް ސްނޯ އެޅި އޭނާ ފިތި އެކި ކަހަލަ އަނިޔާތަކެއް ވަނީ ރެނާއަށް ލިބިފައެވެ. މި އަނިޔާގައި އޭނާގެ މޭ ކަށިތަކެއް ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ނެވާޑާގައި، އޭނާ ގޭ ދޮށުން ވި އަނިޔާގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު 16 ދުވަހު ހޮސްޕިޓަލުގައި ބާއްވައި ޑިސްޗާޖު ކޮށްފައި ވަނީ މި ހަފުތާގެ ތެރޭގައެވެ. އޭނާ ގެއަށް ދޫކޮށްލި ނަމަވެސް އޭނާގެ ހާލަތު ރަނގަޅު ނޫން ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ރޭޑާ އޮންލައިން އިން ރިޕޯޓު ކުރާގޮތުގައި އޭނާ ގެއަށް ދޫކޮށްލި ނަމަވެސް ރެނާއަށް ލިބިފައިވާ އަނިޔާތައް ވަރަށް ސީރިއަސްއެވެ. އަދި ދުވަހަކުވެސް އޭނާ އެއްކޮށް ރިކަވާ ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ބުނާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

އެ ނޫހަށް ލިބިފައިވާ ޑޮކްޓަރުންގެ ރިޕޯޓުން ދައްކާގޮތުގައި ރެއާއަށް ރިހެބިލިޓޭޝަން ބޭނުން ވެއެވެ. އަދި އޭނާ ރަނގަޅު ވި ނަމަވެސް އެކަމަށް ވަރަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ވަނީ ބުނެފައެވެ.