ތޭވީސް ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއް ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަރަށް މިރޭ އަރައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިރޭ ވިދާޅުވީ އިރުއޮއްސި 6:40 އެހާކަން ހާއިރު ފަރަށް އެރީ “ރޯޔަލް މަންޓާ” ކިޔާ ސަފާރީ އެއް ކަމަށާއި އެވަގުތު ސަފާރީގައި 23 ޓޫރިސްޓުންނާއި 15 ފަޅުވެރިއަކު ތިބި ކަމަށެވެ. އަބްދުﷲ ވިދާޅުވީ އެ ވަގުތު ސަފާރީގައި ތިބި މީހަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި އެ އެންމެންވެސް މިހާރު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

"އެ އެންމެންވެސް ސަލާމަތް ކޮށްފައިވަނީ. ސަލާމަތްތެރި ހިސާބަކަށް ގެންދެވިފައި ވަނީ. އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި ސަފާރީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ސަފާރީ އަދިވެސް ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ދިޔަ ގަނޑު ވަރަށް ބޮޑަށް އަރާކަމަށް ވަނީ. އެހެންވެ ދިޔަގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިދަނީ،" އަބްދުﷲ ވިދާޅުވި އެވެ.