މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ށ. ނަލަންދޫ އޮންނާނީ ޓޫރިޒަމަށް ތައްޔާރުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ށ. މިލަންދުއަށް ވަޑައިގެން ވިދާޅުވީ އެ ސަރަހައްދުގައި އޮތް ނަލަންދޫ ޓޫރިޒަމަށް ހުޅުވާލުމަށް ޓަކައި، މިހާރު އެ ރަށް ދޫކޮށްފައިވާ ފަރާތަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ޓަކައި އެކަމުގެ މަޝްވަރާތައް ކުރަމުން ދާ ކަމަށެވެ.

ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތަށް ކަނޑައަޅާފައި އޮތް ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެ ރަށަކީ ސަރުކާރުން އެގްރީމެންޓެއް ހެދުމަށްފަހު ބަޔަކާ ހަވާލުކޮށް، ދީފައިވާ ރަށެއް ކަމަށާއި އެކަމަށް ވެސް އިންވެސްޓްމަންޓްތަކެއް ކޮށްފައިވާނެ ކަމަށެވެ. ވުމާއެކު ބަދަލެއް ދިނުމެއްނެތި، ނުވަތަ އެ ރަށުގައި ކޮށްފައިވާ މަސައްކަތުގެ އަގުކޮށް، ދޭން ޖެހޭ ބަދަލެއް ދިނުމަށްފަހުގައި ނޫނީ މި ސަރުކާރުން އެ ރަށުގައި ރިސޯޓެއް ތަރައްގީއެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުތަކުން ގަވައިދާ ޚިލާފަށް ރަށްތައް ދޫކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ސަރުކާރުން ބަދަލު ދޭން ޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ބުރަ މި ސަރުކާރުން އުފުލަން ޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ށ. މިލަންދުއަށް ވަޑައިގެން ވާހަކަދައްކަވަނީ--- ފޮޓޯ/ ޓްވިޓާ

"އަޅުގަނޑުމެން ކަމެއް ކުރަނީ ގާނޫނާއި ގަވައިދުގެ ތެރެއިން. [އެއީ] މީހަކަށް އެގްރީމެންޓެއް ހަދާފައި ސަރުކާރުން ދީފައި އޮތް ރަށެއް. ކޮންމެވެސް އިންވެސްޓުމެންޓެއް ކޮށްފައި އޮންނާނީ. ހަމަ އެ ރަށެއް މާދަމާ އަޅުގަނޑުމެން ވަތްކެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން، ގަވައިދާއި ގާނޫނާ ޚިލާފަށް ކޮށްފައިވާ އެކަހަލަ ކަންކަމުން އަދިވެސް އަރައިގަނެވިފައިނުވާ ކަމަށެވެ.

"100 މިލިއަނުން، 200 މިލިއަން ރުފިޔާ އިން. 30 މިލިއަނުން، 40 މިލިއަން ޑޮލަރުން ބަދަލު ދޭން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެގޮތުގެމަތިން، ނަލަންދުއަކީ ވެސް އަގު ކުރެވިފައިވާ ރަށެއް ކަމަށެވެ. އެހެންކަމުން އެ ރަށް އަނބުރާ ހޯދުމަށް މަޝްވަރާތައް ކުރެވެމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލަސްނުވެ، ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއަށް ފަހު މި ރަށަށް އިންވެސްޓު ކުރާނެ މީހުން ވެސް މިހާރު ތިބީ ތައްޔާރަށް. މި ދައުރުގެ ފަސް އަހަރު ނިމިގެންދާއިރު މި ރަށް އޮންނާނީ ޓޫރިޒަމަށް ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. ދެ ބޭފުޅުން ވެސް ކެމްޕެއިން ކުރެއްވުމަށްޓަކައި މާލެއާއި އަތޮޅުތެރެއަށް ޒިޔާރަތް ކުރައްވަމުންދާއިރު ދެ ބޭފުޅުން ވެސް ދަނީ ރައްޔިތުންނާ ބައްދަލު ކުރައްވަމުންވެ. އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ވެސް އަމާޒު ކުރަމުންދާއިރު އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން ވެސް ދަނީ ހޫނު ބަހުގެ ހަމަލާތައް އެއް ބަޔަކު އަނެއް ބަޔަކަށް އަމާޒުކުރަމުންނެވެ.