ތިމަރަފުށިން: ހުސައިން ހަސަން

ޕީޕީއެމްގެ ފަރާތުން ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލައްވާ އަހުމަދު ޝަރީފު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފި ނަމަ، އެއީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ތިމަރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ތިމަރަފުށީ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މި ސަރުކާރަށް ވަރަށް ބޮޑު އަޣުލަބިއްޔަތު އެބައޮތް ކަމަށެވެ. އަދި ޕީޕީއެމްގެ ފަރާތުން ފުރަމަތަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ވާހަދަކުރައްވާ ޝަފީރު ތިމަރަފުށީ ގޮނޑިއަށް އިންތިހާބުވެއްޖެ ނަމަ އެއީ، ސަރުކާރު ހިންގުމަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމެއް ކަމަށެވެ.

ތިމަރަފުށީގައި އަޅާ އެއާޕޯޓާ ބެހޭ ގޮތުން ރައީސް ވަހީދު ވިދާޅުވީ އެއާޕޯޓް އެޅުމުގެ އެގްރިމެންޓްގައި ސޮއިކޮށްފައިވާތީވެ، ވަރަށް އަވަހަށް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

"ތިމަރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް އެއީ އެއާޕޯޓް. އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު ވަނީ ކޮންޓްރެކްޓުގައި ސޮއިކޮށްފައި. ތިމަރަފުށީގެ އެއާޕޯޓްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި ގަނެވޭނެ،"

ތިމަރަފުށީ ރައްޔިތުންގެ ފަރާތުން ދެއްވި ހޫނު ތަރުހީބައްޓަކައި ޝުކުރު އަދާ ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ގިނަ ރައްޔިތުންތަކެއް ތިބީ މި ސަރުކާރާ އެކު ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ޓަކައި ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

މިއަދު ވަހީރު 4:15ގައި ރައީސް ތިމަރަފުއްޓަށް ވަޑައިގަތުމުން އެމްޑީޕީ ސަޕޯޓަރުންގެ ފަރާތުން އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކަ އެވެ. ނަމަވެސް ރައީސް ފުރާވަޑައިގަތް ވަގުތު އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައީސް ވަހީދަށް ނިސްބަތްކޮށް ކޮންމެ ވެސް ވަރަކަށް އަޑުއުފުލައިފަ އެވެ.