އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށްޓަކައި މަގުމަތީގައި އެތައް އަނިޔާއަކާއެކު ދުވަސްތައް ހޭދަކުރި އެއްވެސް ސަޕޯޓަރެއް ދޫކޮށްނުލައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ޞާލިހު ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އެ މަނިކުފާނަށް ރާއްޖޭގެ ވެރިކަމަށް އާދެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނިޔާވެރި ވެރިކަމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން ހޭދަކޮށްފީމު ވަރަށް އަނިޔާވެރި ފަސް އަހަރު. ބިރުވެރިކަމާއި ނާމާންކަމާ އެކީގައި. ހަމަގައިމު ވެސް އަޅުގަނޑުގެ ކުރިމަތިން މި ފެންނަ ގިނަ ބޭފުޅުންނަކީ އެތައް އަނިޔާއެއް ތަހައްމަލުކޮށްފައި ތިބި ބޭފުޅުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއަށް ވެރިކަން ހޯދަން ގާތްގަނޑަކަށް ހަތް އަހަރު ދުވަހު ކުރި މަސައްކަތްތުގައި ގުރުބާންވި ގިނަ ބައެއްގެ މަސައްކަތާއި އެ ދުވަސްތަކަކީ ނެތް ކަމެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށެއް، އެ ދުވަހު އެ ތަހައްމަލުކުރި އަނިޔާވެރިކަމާ އެކީގައި މަގުމަތީގައި އެ ހޭދަކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއްނުކޮށްލެވޭނެ. އެހެންވީމާ އެއީ ނެތް ދުވަހެއްކަމަށް ހަދައިފައި އެ ފަސް އަހަރު، އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ އިހުސާސްތަކެއް ނުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ށ. ކަނޑިތީމުގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ --

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫތައް މަޑުޖެހި ހުއްޓިގެން ދިއުމަށް އެއްވެސް ރައްޔިތަކު ނޭދޭނެ ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު އެ ކަންކަމަށް ވިސްނަން އެ މަނިކުފާނު އެދިވަޑައިގަތެވެ.

ކަނޑިތީމުގައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ވަނީ ކޮވިޑުން އަރައިގަތުމަށް ޓަކައި މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ވާހަކަ ހިއްސާކުރައްވައިފައެވެ.

އެގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކަށްވުރެ މާ ފުރިހަމައަށް ރާއްޖެއަށް އެ ހާލަަތު މެނޭޖުކުރެވުނީ ސަރުކާރުން އެ ކަން ކުރުމުގައި ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ތަކުރާރު ކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިއަަކު އިންތިޚާބުކުރާއިރު އެ ފަދަ ހާލަތްތަކުގައި އެ ވެރިއަކު ކަންކުރާ ގޮތް ބެލުން މުހިންމެވެ.

"ދުނިޔޭގެ ކަންކޮޅުތަކަށް އަންނަ އެކަހަލަ ބޮޑެތި ކާރިސާތަކާއި ހާދިސާތަކުގެ އަސަރު ރާއްޖެއަށް ކުރާނެ. އެ ފަދަ ދަނޑިވަޅެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ކަންކުރާ ގޮތް އެއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އިސްކުރަން ޖެހޭނީ ރައްޔިތުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތަކަށް ގެއްލުމެއް ލިބޭނެފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ސަރުކާރުގެ ވިސްނުމަކަށް ވެގެން ނުވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެއާއެކު 2008ވަނަ އަހަރާއި 2009ވަނަ އަހަރުގެ ތެރޭ ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ޓަކައި އެއިރު އޮތް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އަމަލުކުރި ގޮތަށް އެ މަނިކުފާން ވަނީ ފާޑު ކިޔުން އަމާޒުކުރައްވައިފައެވެ.

"ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުތަނުން ކުޑަކުރި. މުވައްޒަފުން ވަކިކުރި. އޭގެ ނުރަނގަޅު އަސަރު ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް ބޮޑުތަނުން ކުރި." ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް ކޮވިޑާ ގުޅިގެން އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުކުރި ގޮތުގެ ސަބަބުން، އަޅުގަނޑު ހިތުން ތިޔަބޭފުޅުންނަށް އޭގެ ނުރަނގަޅު އަސަރު ކުރަންވީ މިންވަރާ ގާތަށް ވެސް ރާއްޖޭގެ އެއިރުގައި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނަށް އެ އަސަރުކުރި މިންވަރާ ގާތަަށް ވެސް ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެ އަސަރުކޮށްފައެއް ނޯންނާނެ،"

އަދި ރިޔާސީ ޕްރައިމަރީގައި މި ސަރުކާރު އަލުން އިންތިޚާބުކުރެވޭނެ ގޮތަކަށް ރައްޔިތުން މަސައްކަތްކުރުމަށް އެ މަނިކުފާން ވަނީ އެދިވަޑައިގެންފައެވެ.