މި މަހު 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރަން ނިންމަވައި އެމަނިކުފާނުގެ ކެމްޕޭނާ، އެސްޓީއޯ މެނޭޖިިން ޑިރެކްޓަރު ހުސައިން އަމުރު މުހައްމަދު ގުޅިވަޑައިގެންފިއެވެ.

ޕްރައިމަރީ ގާތް ވެފައިވާއިރު އަމްރު ވަނީ މިއަދު ހެނދުނު ނަޝީދާއެކު ކެމްޕޭނަށް ހުވަދު އަތޮޅަށް ވަޑައިގަންނަވައިފައެވެ. އޭނާ ނިސްބަތް ވަނީ ވެސް ހުވަދު އަތޮޅަށެވެ. ރައްޔިތުންގެ މަޖިލީހުގެ 2014ވަނަ އަހަރުގެ އިންތިޚާބުގައި ތިނަދޫ ދާއިރާއަށް ވެސް އޭނާ ވާދަކުރެއްވިއެވެ.

ތިން ދުވަހުގެ އެ ކެމްޕެއިން ދަތުރުގައި ނަޝީދުގެ ޓީމުން ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުހައްމަދު ނަޝީދާއެކު އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު، ކެމްޕޭންގައި --- ފޮޓޯ/ އެމްޑީޕީ

ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އަމްރަކީ އެ ޕާޓީގެ ޕޮލިސީތައް އެކުލަވާލުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ނަޝީދުގެ ޓީމާ އޭނާ ގުޅިވަޑިގަތް ނަމަވެސް ސަރުކާރު އަދި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ އިސްވެރިންނާ ސިޔާސީ މަގާމުތަކުގައި ތިބި ގިނަ ބޭފުޅުންގެ ތާއީދު އޮތީ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކަން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރު އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވެސް ނަޝީދުގެ ފެކްޝަންގެ ފަރާތުން ވާދަކުރައްވަން އެންމެ ފުރަތަމަ ނިންމެވީ އަމްރުއެވެ. އެކަމަކު، އޭނާ ފަހުން ވަނީ އެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފައެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.