އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށްފައި މާލޭ މީހުންނަށް ގޯތި ދޭނަމޭ ބުނުމަކީ ރިޝްވަތު ދޭނަމޭ ބުނުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީ ކެމްޕޭނަށް އެމަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ޝިއާރުގެ ދަށުން ހުޅުމާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ މާލޭ މީހުންނަށް ގޯތި ދޭން އުޅެނީ ރިޝްވަތުގެ ގޮތުގައި ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"މިއަދު މާލޭ ރައްޔިތުން ގާތުގައި ވޯޓަށް ހަފުތާއަކަށްވެފައި ވަނިކޮށް ގޯތި ދޭނަމޭ ބުނީމާ އެއީ ހަގީގަތުގައި ފުރަތަމަ ކަމަކަށް ރިޝްވަތު ދޭނަމޭ ބުނާ ބުނުމެއް، އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް." ނަޝީދު ވިދާޅުވިއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރިގެންދިޔައިރު މާލޭ މީހުންނަށް ގޯތި ނުދެވި އޮވެފައި މިއަދު އެވާހަކަ ދައްކަވަނީ ސިޔާސީ މަންފާއަށްޓަކައި ކަމަށް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގައި ހުރި ބިންތައް މިދިޔަ ފަސް އަހަރު ވެސް އޮތް ކަމަށާއި މިދިޔަ ފަސް އަހަރު އެ ބިންތަކުން ގޯތި ނުދެވުނު ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ފަހު އަހަރެއްގައި ނޫން މިކަން ކުރަން އުޅޭނީ. ވޯޓަށް ހަފްތާއަކަށް ވީމަކާއެއް ނޫން ސިޔާސަތު ތަންފީޒުކުރަން އަޅުގަނޑުމެން އުޅޭނީ. މިއަދު މީ ހުރިހާ އެންމެން ތަންތަނަށް ވަދެ ނިމި އެކަމުގެ އުފަލުގައި އެމްޑީޕީއަށް ދެވަނަ ދައުރެއް ދިނުމަށް ނުކުންނަންވީ ދުވަސް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، އެމްޑީޕީގެ ގެދޮވެރި ސިޔާސަތުތައް ތަންފީޒުނުކުރެވި ލަސްވުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، މި ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރެއްވުން ނޫން އެހެން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޞާލިހަށް އިތުރު ދައުރެއް އަޅުގަނޑުމެން ދޭންވީ އެއްވެސް ސަބަބެއް [ނެތް]. މިއަދުގެ ކަންކަން، މިއަދުގެ ހާލަތު މިހުރި ގޮތް އަޅުގަނޑުމެން ބަލައިފި ނަމަ މާބޮޑަށް ސާފުވާނެ." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ. އެޕާޓީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28ވާ ހޮނިހިރު ދުވަހުއެވެ.