13 Apr 2012, 17:30
ލ. މުންޑޫގައި މީހަކު އޭނާގެ މައިދައިތަގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުން ލިބުނު ސީރިއަސް އަނިޔާތަކެއްގައި އެމީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.
ގަމުތުޑީ ހޮސްޕިޓަލުން މިއަދު ބުނީ ސީރިއަސް އަނިޔާތަކެއް ލިބި މިއަދު 1:45 އެހާކަންހާއިރު އައިސީޔޫގައި އެޑްމިޑްކޮށް ފަރުވާދެމުން އަންނަނީ ލ. ގަމު، ތުޑީ، ވުޑްލޭންޑް، ޒައިނަބު އާދަމް، 45އ. އަކަމަށެވެ.
ޒައިނަބުގެ ފިރިމީހާ އިސްމާއީލް ޔޫސުފް ސަން އޮންލައިންއަށް މިއަދު ބުނީ އޭނާގެ ދަރިފުޅު، އިދެގެން އުޅޭ މުންޑޫ، ސެވަންސްޓާ، އަލީ ނާޒިމް ޒައިނަބުގެ ގައިގާ ތެޅީ ބަބުކެޔޮތަކަކުން ކަމަށާއި އެ ގަޑީގައި ނާޒިމްގެ އަންހެނުންގެ އަންނައުނުތައް ވީދައި އޭނާއަށް ވެސް އަނިޔާކުރި ކަމަށެވެ. ޔޫސުފް ބުނީ އަނިޔާކުރުމުގެ ސަބަބުން އަންހެނުންނަށް ރަނގަޅަށް ނޭވާވެސް ނުލެވުނު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ އޮކްސިޖަން ގުޅައިގެން ކަމަށެވެ.
"މިއަދު ހެނދުނު މުންޑޫގައި ހުންނަ ގޭގައި އަންހެނުންނާ ދަރިފުޅު ތިއްބާ ދެމީހުންގެ ގައިގައި ތަޅައިގެންފައި މާރާމާރީ ހިންގީ. ދަރިފުޅުގެ ހުރިހާ އަންނައުނުތައް ވީދާ. ބަނބުކޭލުން އަޅުގަނޑުގެ އަންހެނުންގެ ގައިގައި ތަޅައި ސީރިއަސް އަނިޔާތަކެއް ވަނީ ދީފައި. އަޅުގަނޑުގެ އަންހެނުންގެ ފުރާނަ ހުރިކަން އެކަނި. އިތުރު އެއްވެސް ކަމެއް ނުކުރެވޭ،" ޔޫސުފް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވާކަމަށާއި އެ މައްސަލައިގެ ތަހުގީގުފަށާފައިވާ ކަމަށެވެ.