ކުނިން ހަކަތަ އުފެއްދުމަށް އައްޑޫގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމުކުރާ ޕްލާންޓްގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙް "ސަން"އަށް ވިދާޅުވީ، އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓު އެނާޖީ ޕްލާންޓް ރާއްޖެއިން ބޭރުގައި ޑިޒައިންކޮށް، މެނިފެކްޗާ ކުރުމަށްފަހު ރާއްޖެ ގެނެސް އިންސްޓޮލޭޝަންގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ޕްލާންޓް ހިންގުމަށްޓަކައި ހަދަން ޖެހޭ ކޮންޓްރޯލް ބިލްޑިން އާއި ވޭސްޓް އިންޓޭކް ބިލްޑިންގެ މަސައްކަތްތައް ކަމަށެވެ.

މި ވޭސްޓް އެނާޖީ ޕްލާންޓަށް ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފައްދުމުގެ ގާބިލުކަން ލިބިފައިވެއެވެ. އެ ޕްލާންޓުން 1.5 މެގަވޮޓް ކަރަންޓު އުފައްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންވަރަޔަމަންޓް މިނިސްޓްރީން އައްޑޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓު އެނާޖީ ޕްލާންޓް ރޭވުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މީގެ އިތުރުން، އެ ޕްލާންޓުން އުފައްދާ ކަރަންޓުގެ 500 ކިލޯވޮޓް ކަރަންޓު ބޭނުން ކުރާނީ އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށާއި، ބާކީ އެއް މެގަވޮޓް ކަރަންޓު، އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑްއާ ގުޅާލަން ހަމަޖެހިފައިވާ ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޕްލާންޓް ގާއިމްކޮށް އަންނަ ޖުލައި މަހަށް މަސައްކަތް އެއްކޮށް ނިންމާލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.