19 Jan 2023, 08:53
އިންޑިއާގެ އެންމެ މަޝްހޫރު އަދި ގިނަ ފިލްމީ ތަރިން ހިމެނޭ ކަޕޫރު ޚާންދާންގެ އިތުރު މެމްބަރަކު ހިންދީ ސިނަމާއަށް ނިކުންނަން ތައްޔާރުވެއްޖެއެވެ. ޝަޝީގެ ތިން ކުދިންގެތެރެއިން ކުނާލް ކަޕޫރުގެ ޒަހާން ކަޕޫރު ފިލްމީ ދާއިރާއަށް ތަޢާރަފްވާ ފިލްމަކީ، މަޤުބޫލު ފިލްމީ ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމު "ފަރާޒް"އެވެ.
މިފިލްމުގެ ޚާއްޞަވާ އިތުރު އެހެން ސަބަބެއްވެސްވެއެވެ. އެއީ ކުނާލްގެ ދަރިފުޅު ޒަހާން ކަޕޫރާއެކު އެކްޓަރު ޕަރޭޝް ރަވަލްގެ ފިރިހެން ދަރިފުޅު އަދިތްޔާ ރަވަލްވެސް ހިންދީ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވުމެވެ.
ކުރިއަށްއޮތް ފެބްރުއަރީ މަހުގެ 23ވަނަ ދުވަހު ފިލްމު ސިނަމާއަށް ގެންނަން ތައްޔާރުވެފައިވާއިރު ފިލްމު "ފަރާޒް"ގެ ޓްރެއިލާވެސްވަނީ ރިލީޒްކޮށްފައެވެ.
މިފިލްމަކީ، 2016ވަނަ އަހަރު އިންޑިއާގެ އަވަށްޓެރި ޤައުމު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއަކަށް ދިން ޓެރަރިސްޓް ޙަމަލާގެ ޙާދިސާ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމު "ފަރާޒް"ގައި ޒަހާން ކަޕޫރު ފެންނާނީ މިޙާދިސާގެ ޝިކާރައަކަށްވި ގިނަ ބަޔަކު ސަލާމަތްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާޒް ޙުސައިންގެ ރޯލްއިންނެވެ.
މިފިލްމުގައި އަދިތްޔަ ރަވަލް ފެންނާނީ މިޙާދިސާގައި އިސްކޮށް ޙަރަކާތްތެރިވި ޓެރަރިސްޓެއްގެ ރޯލުންނެވެ.
ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާއެކު އިންޑިއާގެ އިތުރުން ބަންގަލަދޭޝްއަށް ނިސްބަތްވާ ގިނަބަޔަކުވަނީ މިވާހަކަ ފިލްމެއްގެގޮތުގައި ގެނެސްދޭތީ އެކަން ބަލައިގަނެފައެވެ. އަދި ޒަހާން ފިލްމުގައި ފަރާޒްގެ ރޯލް އަދާކޮށްފައިވާލެއް ފުރިހަމަކަމުން ޒަހާންގެ ހުނަރަށްވެސް ގިނަބަޔަކުވަނީ ތަޢުރީފުކޮށްފައެވެ.
ޒަހާންއާއި އަދިތްޔަގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންނަކީ، ކުރީގެ އެކްޓަރު ރާޖް ބައްބަރުގެ ދަރިފުޅު ޖޫހީ ބައްބަރު، އާމިރް ޢަލީ އަދި ތެލުގޫ ބަތަލާ ޕައްލަކް ލާލްވާނީއެވެ. ބޫޝަން ކުމާރް ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމު ގެނެސްދޭނީ ޓީ-ސީރީސްއާއި ބަނާރަސް މީޑިއާ ވާކްސް ގުޅިގެންނެވެ.