އޭއައި އާޓް ޓޫލް ސްޓޭބަލް ޑިފިއުޝަން އިން އުފެއްދި "ސްޓޭބިލިޓީ އޭއައި" ކޮޕީރައިޓްސްއާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، ގެޓީ އިމޭޖްސް އިން ދައުވާކުރަން ނިންމައިފިއެވެ.

ގެޓީ އިމޭޖްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓެބިލިޓީ އޭއައި އިން އަންނަނީ ސްޓޭބަލް ޑިފިއުޝަން މެދުވެރިކޮށް ވިއްކާ އޭއައި ޖެނެރޭޓެޑް އާޓްވޯކްތައް އުފެއްދުމުގައި ހުއްދަ ނެތި އެކުންފުނީގެ ފޮޓޯތައް ބޭނުން ކުރަމުން ކަމަށެވެ. ގެޓީ އިމޭޖާސް އިން ބުނަނީ މިއީ ކޮޕީރައިޓްސްއާ ހިލާފުކަމެއް ކަމަށެވެ.

އެހެންވެ، ގެޓީއިމޭޖްސްއިން ކޯޓަށް ހުށަހަޅާ މައްސަލައިގައި އެދޭނީ ސްޓެބިލިޓީ އޭއައިގެ ފޮޓޯތައް ބޭނުން ކުރުން ހުއްޓުވުމުގެ އަމުރަކަށާއި، ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ސްޓެބިލިޓީ އޭއައި އިން ގެޓީ އިމޭޖާސްގެ ވާހަކަތަކާ ދެކޮޅު ހަދައެވެ. ސްޓެބިލިޓީ އޭއައިން ބުނީ އެފަދަ ފޮޓޯތައް ބޭނުން ކުރުމަށް އެއްވެސް ޤާނޫނަކުން މަނާ ނުކުރާ ކަމަށާއި، ކޮމެންޓްރީއާއި، ބިނާކުރުވަނިވި ފާޑުކިޔުންތަކަށާއި، ޚަބަރާއި ރިޕޯޓްކުރުމަށާއި، ކިޔަވައިދިނުމާއި، ސްކޮލާޝިޕް ނުވަތަ ރިސާޗްކުރުމުގެ ބޭނުމުގައި ކޮޕީރައިޓް ކޮށްފައިވާ ތަކެތިވެސް ބޭނުންކުރުމުގެ ހުއްދަ ލިބިދޭ ކަމަށެވެ.

ޑިޖިޓަލް ޒަމާނުގައި އާޓް އުފެއްދުމާއި ކޮޕީރައިޓް ގާނޫނުތައް ތަންފީޒު ކުރުމުގައި އޭއައި ބޭނުންކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެދާނެތީ މި މައްސަލަ އާޓް އެންޑް ޓެކްނޮލޮޖީ މުޖުތަމައުތަކުން ވަރަށް ގާތުން ބަލާނެ ކަމަށް ބެލެވެއެވެ.

ގެޓީ އިމޭޖާސްގެ ތަރުޖަމާނު ވިދާޅުވީ ކޮންޓެންޓްގެ ހިމާޔަތް ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި ހުއްދަ ނެތި ފޮޓޯތައް ބޭނުންކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ. ސްޓެބިލިޓީ އޭއައިގެ އަމަލުތަކަކީ ކޮޕީރައިޓް ގާނޫނާ ވަރަށް ސާފުކޮށް ހިލާފު އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި ގާނޫނީ ހައިސިއްޔަތާ މެދު ޔަގީންކަން އެބައޮތް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ސްޓެބިލިޓީ އޭއައިގެ މަންދޫބަކު ވިދާޅުވި ގޮތުގައި ގެޓީ އިމޭޖާސް އިން މި ގޮތަށް އަމަލު ކުރަން ނިންމުމުން ހައިރާންވެ މާޔޫސްވެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ފޮޓޯތައް ބޭނުންކުރުމަކީ އިންސާފުވެރި ބޭނުން ކުރުމުގެ ގާނޫނުތަކުން ހިމާޔަތްކުރެވިފައިވާ އަދި ކޯޓުގައި ވަރުގަދައަށް ދިފާއުވާނެ ކަމެއް." މަންދޫބު ވިދާޅުވިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ސަދަން ޑިސްޓްރިކްޓް އޮފް ނިއުޔޯކްގެ ޑިސްޓްރިކްޓް ކޯޓަށް މިހާރުވަނީ މި މައްސަލަ ހުށަހަޅާފައެވެ. އަދި އެމައްސަލަ ވަނީ ކޯޓަށް ބަލައިގެންފައެވެ.