13 Apr 2012, 16:47
ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ނިޒާމު، އާސަންދައިގެ ދަށުން މި އަހަރުގެ މިހާތަނަށް 150،000 ރައްޔިތުން 250،000 ފަހަރު ބޭސްފަރުވާކޮށްފައިވާ ކަމަށާއި ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެވަރަށް އާސަންދައިން ޚިދުމަތް ހޯދާފައި އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމުގައި ގޯހެއް އުޅޭކަމަށް ރައީސުލްޖުހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހުގައި ތ. އަތޮޅުގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް މިއަދު ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި އާބާދީގެ ދެ ބައިކުޅައެއްބަޔަށް ވުރެ ގިނަ މީހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭސް ފަރުވާކޮށްފައި އޮތުމަކީ "ގަބޫލުކުރަން ދަތި" ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އާސަންދަ މިހާތަނަށް ހިންގާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ގަބޫކުލު ކުރައްވާ ކަމަށެވެ.
އާސަންދަ އުވާލަން އުޅޭ ކަމަށް އެމްޑީޕީން ބުނަމުންދާ މިދަނޑިވަޅުގައި އައްބާސް ވިދާޅުވީ އާސަންދަ އުވާނުލައްވައި އޭގެ ފައިދާ މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ލިބޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށެވެ.
"ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ އާސަންދަ ކުރިއަށް ގެންދާނެ ކަމަށާއި އަދި އެއަކަށް ހުއްޓުމެއް ނާންނާނެ ކަމަށް. އަދި އެ ނިޒާމް ރަނގަޅުކޮށް ރައްޔިތުންނަށް އެއިން ލިބެން ޖެހޭ ފައިދާ މިހާރަށް ވުރެ ފުރިހަމަ އަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި،" އައްބާސް ވިދާޅުވި އެވެ.
އާސަންދަ ނިޒާމަކީ ހެލްތު އިންޝުއަރެންސް ގާނޫނުގެ ދަށުން އުފައްދާފައިވާ ސްކީމެއް ނޫން ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ )އެންސްޕާ( އިން ވަނީ ބުނެފަ އެވެ. އަދި ގާނޫނާ އެއްގޮތަށް އާސަންދަ ބަދަލުކުރުމަށް ޓަކައި، ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އާސަންދަ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުންތައް އެންސްޕާއާ އެކު ހެދުމަށް މިހާރު ވަނީ ނިންމައިފަ އެވެ.