މެޑިކާ ހޮސްޕިޓަލަކީ 24 ގަޑިއިރު ޚިދުމަތް ދޭ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން މިއަދު ބުނެފިއެވެ.

މެޑިކާ ހޮސްޕިޓަލްގެ މެނޭޖަރު އަބްދުﷲ ޝާހިދު "ސަން"އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން މި އަންނަނީ މެޑިކާގެ ޚިދުމަތް 24ގަަޑިއިރު ދިނުމަށް. އެއަށް އަޅުގަނޑުމެން ފޯކަސްކޮށްގެން ކުރިއަށް ދަން އެބަ. އިރާދަކުރެއްވިއްޔާ އެއީ އެންމެ އަވަހަށް ފައްޓާނެ ކަމެއް،" ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ އަގުތައް ހެޔޮކޮށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ވެސް ޚާއްސަ އިސްކަމެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަލަށް އަންނަ ކަމެއްގެ ގޮތުގައި މިއޮތީ އަގު ކުޑަކުރުން ހިމެނިފައި. މިހާރު ވެސް އެ ފައްޓަައިގެން ލެބޯޓްރީގެ ޚިދުމަތްވާނީ ވަަރަށް ބޮޑަށް ކުޑަކޮށްލައިފައި،" ޝާހިދު ވިދާޅުވިއެވެ.

މެޑިކާ ހޮސްޕިޓަލުގައި ނިއުރޮލޮޖީ ޑިޕާޓްމަންޓެއްގެ ޚިދުމަތް ނޫން އެހެން ހުރިހާ ޚިދުމަތެއް ލިބެއެވެ.

އެ ތަނުން ގިނަ ޚިދުމަތްތަކެއް ލިބޭއިރު އޮޕަރޭޝަން ތިއޭޓަރެއް ވެސް މި ހޮސްޕިޓަލުގައި ހުރެއެވެ. އެ ތަނުގައި ބޮޑެތި ސާޖަރީތައް ވެސް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ހުރިހާ ޚިދުމަތެއް ލިބޭ ލެބޯޓްރީއެއްގެ ޚިދުމަތާއި އެކްސްރޭ ނެގުމުގެ ޚިދުމަތާއި އަލްޓްރާސައުންޑް ސްކޭން ކިއުގައި ނުޖެހި ވަގުތުން ނަގައިދިނުން ހިމެނެއެވެ.

ހަމައެއާއެކު ޕްރައިވެޓް ވޯޑުތަކާއި ރޫމްތައް ހުރެއެވެ. ހަމައެއާއެކު އެ ހޮސްޕިޓަލްގެ އަމިއްލަ ފާމަސީއެއް އަންނަނީ ހިންގަމުންނެވެ.

ދަމާސްގެެ މެނޭޖްމަންޓުގެ ދަށުން މެޑިކާ ހޮސްޕިޓަލް ހުޅުވީ 2013 ވަނަ އަހަރުގެ ޖެނުއަރީ 17ގައެވެ. އެއީ މާލޭގައި ހުޅުވި ފަސް ވަނަ ހޮސްޕިޓަލެވެ.

މެޑިކާ ހޮސްޕިޓަލަށް އިއްޔެ 10 އަހަރު ފުރިފައިވާއިރު އެ ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް ހޯދަން އަންނަ މީހުންނަކީ އެ ހޮސްޕިޓަލަށް އެންމެ މުހިންމު ފަރާތްކަމަށް މެޑިކާއިން ބުނެއެވެ.

"އަނެއްހެން އަޅުގަނޑު ދެކޭ ގޮތުގައި އެއީ މެޑިކާގެ އަހުލުވެރިން. މެޑިކާގެ މީހުން އިނގޭތޯ އެއީ. އެއީ ކޮންމެ ގޮތެއް ވިޔަސް އެ މީހުން މި އަންނަނީ ހުރިހާ ޚަރަދެއް ކޮށްގެން އެ ޚިދުމަތް ހޯދަން ދެއްތޯ. އެހެންވީމާ އަޅުގަނޑުމެން ދެކޭ ގޮތުގައި އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެންގެ ޝުކުރު ހައްގުވާ ފަރާތަކީ މެޑިކާއަށް އައިސް މެޑިކާއަށް ދައްކައިފައި ތިބި ޕޭޝަންޓުން،" ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާގެ ޚާއްސަ ޝުކުރެއް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސްޓާފުންނަށް ވެސް ދެންނެެވިއެވެ.