ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުގެ އެއްވަނައިގައި ޖަޕާން ހިމެނިއްޖެއެވެ.

"ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ހާމަކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުގައި މިއަހަރު އެންމެ ވަރުގަދަ ޕާސްޕޯޓް ބޭނުން ކުރާ ގައުމަކީ ޖަޕާނެވެ. އެގޮތުން ޖަޕާނުގެ ރައްޔިތުންނަށް ވިސާގެ ދަތިކަމެއް ކުރިމަތި ނުވެ 193 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ.

ރިޕޯޓުން ބުނާގޮތުގައި އެ 193 ގައުމަށް ވަންނައިރު ޖަޕާނުގެ ރައްޔިތުންނަށް ވިސާއެއް ބޭނުމެއް ނުވަތަ އޮން އަރައިވަލް ވިސާ ލިބޭނެއެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ގައުމަކަށް ދަތިކަމާ ނުލައި ވަދެވޭ ޕާސްޕޯޓެވެ.

ސިޓިޒެންޝިޕް އަދި ރެޒިޑެންސް އެޑްވައިޒަރީ ފާމް ހެންލީގެ ރިޕޯޓުން ބުނާގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުތައް ހިމެނޭ ގައުމުތަކުގެ އެންމެ ކުރީގައި އުޅެނީ އޭޝިއާގެ ގައުމުތަކެވެ. އެގޮތުން ލިސްޓުގެ ދެވަނައިގައި އޮތީ ސިންގަޕޫރާއި ދެކުނު ކޮރެއާއެވެ. މި ދެ ގައުމުގެ ޕާސްޕޯޓަކީ ވެސް ވިސާގެ ދަތިކަމެއް ނެތި 192 މަންޒިލަށް ދަތުރުކުރެވޭ ޕާސްޕޯޓެވެ.

ޖުމްލަ 190 މަންޒިލާއެކު ލިސްޓުގެ ތިންވަނައިގައި އޮތީ ޖަރުމަނާއި ސްޕެއިންއެވެ.

އިންޑެކްސްގެ އެންމެ ތިރީގައި އޮތީ އަފްޣާނިސްތާނެވެ. ކުރީން ބައިން ވިސާއަކާ ނުލައި އަފްޣާނިސްތާނު ޕާސްޕޯޓުގައި ދަތުރުކުރެވޭނީ ހަމައެކަނި 27 މަންޒިލަކަށެވެ. އެއަށްފަހު 29 މަންޒިލާއެކު އިރާގު އޮތް އިރު އިރާގާ ޖެހިގެން އޮތީ ސީރިއާއެވެ. ސިރިޔާ ޕާސްޕޯޓުގައި އެޑްވާންސް ވިސާއެއް ނެތި ދަތުރުކުރެވޭނީ 30 މަންޒިލަކަށެވެ.

ހެންލީ އިން ބުނާގޮތުގައި ދުނިޔޭގެ ދަތުރުތައް ވަނީ މިހާރު ކޮވިޑްގެ ކުރިން ދަތުރުކުރާ މިންވަރާ 75 ޕަސެންޓް އެއްވަރު ވެފައިއެވެ. އަދި އޭޝިއާގެ ބޮޑެތި މާކެޓުތަކުގެ އާންމު ދަތުރުތައް ފެށުމާއެކު އިތުރު ދަތުރުތަކުން މިއަހަރަކީ ބިޒީ އަހަރަކަށް ވާނެ ކަމަށް ހެންލީ އިން ބުނެއެވެ.