13 Apr 2012, 14:23
ތިމަރަފުށިން: ހުސައިން ހަސަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ތ. ތިމަރަފުއްޓައް ވައްޑައިގަންނަވާތީ އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ފަޅު ރަށަކަށް ވަގުތީ ގޮތުން ދިޔުމަށް ނިންމައިފި އެވެ.
ތިމަރަފުށީ ހިއްކިބިމުން ހިނގާފައި ދެވޭ ހިރިޔަންފުށްޓަށް ވަގުތީ ގޮތުން ދިއުމަށް އެމްޑީޕީ ސަޕޯޓަރުން ނިންމީ ރައީސް ވަހީދު ރަށަށް ވަޑައިގަތުމުން ހިނގާފާނެ ހަމަނުޖެހުމަށްޓަކަ އެވެ. ރަށުގައި ތިބި އެންޑީޕީ އަށް ސަޕޯޓް ކުރާ ކުދިބޮޑު ގިނަ ބަޔަކު ދަނީ ހިރިޔަންފުއްޓަށް މިއަދު ހަވީރު 4:00 ޖަހާއިރު ދިއުމަށް ތައްޔާރުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަދި ކުރިންވެސް ތިމަރަފުށީ ގޮނޑި ތަމްސީލު ކުރެއްވެވި މުހައްމަދު މުސްތަފާ މިއަދު ވިދާޅުވީ މާދަމާ ބާއްވާ ބައި އިލެކްޝަނާ ދިމާކޮށް ރައީސް ވަހީދު ތިމަރަފުށްޓަށް ވަޑައިގަންނަ ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ ރަށަކަށް ރައީސް ވަހީދު ވަޑައިގަންނަވަނީ "އެމްޑީޕީގެ ސަޕޯޓަރުން ލައްވައި ހާޖާނު އުފެއްދުމަށް" ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުމަށް އުފެދިއްޖެ ނަމަ އެތަށް ބަޔަކު ހައްޔަރުކޮށް، އެ މީހުންނަށް މާދަމާ ވޯޓް ނުލެވޭ ގޮތް ހަދާފާނެ ކަމަށް މުސްތަފާ ތުހުމަތު ކުރެއްވި އެވެ.
"ކުރިން ނިންމާފައި އޮތީ ވަހީދު މި ރަށަށް ނޭރުވުމަށް. އެހެނަސް އަހަރެން މިރަށަށް އައިސް ރައްޔިތުން ކައިރީ ބުނީ ތިހެން ނަހަދާށޭ. އެ މީހުން އެ އުޅެނީ ކަލޭމެން ހައްޔަރު ކުރަންށޭ. މިހާރު އަހަރެން ވާހަކަދައްކައިގެން ނިންމާފައި އޮތީ ވަހީދުއާ ދެކޮޅަށް ނުނިކުތުމަށް،" މުސްތަފާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ ބައި އިލެކްޝަންތަކާ ގުޅިގެން ފުލުހުން ރަށްރަށުގައި ހަރަކާތްތެރިވަމުންދާނެ ކަމަށާޢި ހަމަނުޖެހުމެއް ހިންގަން ބަޔަކު އުޅޭ ނަމަ އެކަން ހުއްޓުވާނެ ކަމަށެވެ. އަދި ވިދާޅުވީ އިންޓެލިޖެންސަށް ބުރަވެ، ބައެއް ރަށްތަކަށް ފުލުހުންގެ ފައުޖުތައް ގިނައިން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ތިމަރަފުށީ ދާޢިރާގެ ތ. ގުރައިދޫ އާއި ތ. ގާދިއްފުށީގައި ފުލުހުން ހަރަކާތްތެރިވަމުންދާ އިރު އެންމެ ގިނަ ފުލުހުން ތިބީ ތިމަރަފުށީގަ އެވެ. ނަމަވެސް ފުލުހުން ބުނީ ހާލަތަކަށް ބުރަވެ ފުލުހުންގެ ފައުޖުތައް ބައި އިލެކްޝަން ކުރިއަށްދާ ރަށްރަށުގައި ފުލުހުންގެ ފައުޖުތައް އިތުރު ކުރަމުންދާނެ ކަމަށެވެ.
ރައީސް ވަހީދު މިއަދު ހަވީރު ތިމަރަފުއްޓަށް ވަޑައިގަންނަވާތީ ޕީޕީއެމްގެ ސަޕޯޓަރުން ދަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ. ރައީސް ވަހީދާއެކު މިނިސްޓަރުންނާއި ސަރުކާރާ ބައިޔަތު ހިފާފާއިވާ ޕާޓީތަކު ޕާލަމެންޓްރީ ގްރޫޕްތަކުގެ ބޭފުޅުން ތިމަރަފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ތ. އަތޮޅަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ވަނީ ގުރާއިދޫއަށް ވަޑައިގެންފަ އެވެ. އަދި މިއަދު ވަނީ ގާދިއްފުއްޓަށާއި ވޭމަންޑޫ އަދި އޮމަދޫ އަށް ވަޑައިގެންފަ އެވެ.