އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތަފާތު ތުހުމަތުތައް ކުރެއްވުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން "ދިވެހި ޗެނަލަށް" ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކޯލިޝަން ހިފެހެއްޓޭނެ ބޭފުޅެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވި ނަމަވެސް އެއީ އެކަކު އަނެކަކަށް ކޮށްގެންވާނެ ތުހުމަތުތަކެއް ނޫން ކަމަށެވެ.

"އެއީ ހުތުރު ކަމެއް، އެކަކު އަނެކަކަށް ކަލޭ ތީ މިވެނި ކަހަލަ މީހެކޭ އެހެން ބުނުން. އޭގެ ޖަވާބު ދިނުންވެސް އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ރާއްޖޭގެ ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކިހާ ބޭފުޅުންނަކާއެކު ސިޔާސީ މަޝްވަރާ ކުރައްވާކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަފާތު ޚިޔާލާ އެކީގައި އަޅުގަނޑުމެން އުޅެމުންދާ ދިއުން އެއީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ތަފާތު ޚިޔާލުތަކާއެކުގައި ތަފާތު ލީޑަރުންނާ އެކުގައި މަސައްކަތް ކުރެއްވޭނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ނުކުރައްވާނެ ކަމަކީ ވިޔަފާރީގެ އުސޫލުން ސިޔާސީ މަސައްކަތް ކުރެއްވުން ކަމަށެވެ. ވަކި ޕާޓީއަކަށް ވަކި މަގާމުތަކެއް ދޭގޮތަށް އެއްބަސްވެގެން އިއްތިހާދެއް ހެދުމަކީ ކޯލިޝަން ދެމެހެއްޓެވުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެވެނި ޕާޓީއެއްގެ މީހަކަށް މިވެނި ޑީލެއް އަޅާފައި، މިވެނި ޕާޓީއެއްގެ މީހަކަށް އެވެނި ޑީލެއް އަޅާފައި، ސިޔާސީ ބާރުވެރިކަން އޭގެ ތެރެއިން ސަކާ ކޮށްގެން ބެހެއްޓުން އެއީ އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

އެކަމަކު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތަފާތު ތުހުމަތުތައް ކުރެއްވުމަކީ ހުތުރު ކަމެއް ކަމަށް ވިދާޅުވިއިރު ނަޝީދު މީގެން ކުރިން ވަނީ ރައީސް ޞާލިހަށް ޒިނޭގެ ތުހުމަތު ވެސް ކުރައްވައިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އެމަނިކުފާނަކަށް ނުދެއްކެވުނެވެ.

ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވަމުންދާއިރު، ނަޝީދު އެންމެ ބޮޑަށް ވިދާޅުވާ ވާހަކަފުޅަކީ އެއީއެވެ. ސަރުކާރުން އެމްޑީޕީ ސިޔާސަތުތައް ތަންފީޒުނުކޮށް، އެޕާޓީގެ އަސާސްތަކާ ފެޔަށް ޖެހޭ ކަމުގެ ތުހުމަތެވެ. އެކަމަކު، ސަރުކާރުން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ. އެޕާޓީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28ވާ ހޮނިހިރު ދުވަހުއެވެ.